މިޔަންމާގައި ހިންގާ ޗައިނާގެ ޕްރޮޖެކްޓްތަކާއި އެ ގައުމުގައި އުޅޭ ޗައިނާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ސެކިއުރިޓީ ކުންފުންޏެއް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އެކަމަށް ބޭނުންވާ އެއްބަސްވުމުގައި ދެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުގެ މެދުގައި އޮކްޓޫބަރު މަހު ވަނީ އެމް.އޯ.ޔޫގައި ސޮއިކުރެވިފައެވެ.
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން މިޔަންމާގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގައެވެ. އެގޮތުން ހައިވޭތަކާއި، ރޭލުވޭ އަދި ޕައިޕްލައިންތަކާއި އިކޮނޮމިކް ޒޯންތަކެއް ތަރައްގީކުރުމަށް ޗައިނާއިން ދަނީ މަސައްކަތްކުރަމުންނެވެ. ޗައިނާގެ އަމާޒަކީ އެގައުމުގެ ސިނާއީ މަސައްކަތްތަކަށް ކުރިއަރާފައިވާ ކުންމިން ޕްރޮވިންސާއި މިޔަންމާގެ ކްޔައުކްޕްޔޫ ބަނދަރާއި ދެމެދު އެއްގަމު މަގުން ގުޅޭލެވޭ ނިޒާމެއް ގާއިމްކުރުމެވެ. އޭރުން ޗައިނާގެ މުދާތައް އިންޑިއާ ކަނޑައަށް ގެންދިޔުމަށް ބެއިޖިންއަށް ފަސޭހަ މަގެއް ކޮށުނީއެވެ. މިހާރު ޗައިނާގެ މުދާ ހިފައިގެން އިންޑިއާ ކަނޑަށާއި ހުޅަނގަށް ދަތުރުކުރަން ޖެހެނީ މަލައްކާ ކަނޑޮއޮޅިންކަމަށްވެފައި، އެމެރިކާ އާއި އެ ގައުމަށް ވާގިވެރިވާ ގައުމުތަކުން އެސަރަހައްދު ބަންދުކޮށްފިނަމަ ޗައިނާއަށް ފޫނުބުދޭ ގެއްލުންތަކާ ކުރިމަތިވާނެއެވެ.
އެހެންކަމުން ބެލްޓް އެންޑް ރޯޑްގެ ދަށުން މިޔަންމާގައި ޗައިނާއިން ކުރިއަށްގެންދާ މަޝްރޫޢުތަކަކީ އެގައުމަށް ސްޓްރެޓީޖިކް ޕްރޮޖެކްޓްތަކެކެވެ. ޗައިނާގެ ޕްލޭންތައް ވަރުގަދަނަމަވެސް، މި ޕްރޮޖެކްޓްތައް ހިންގުމަށް ހަމަޖެހިފައިވަނީ މިޔަންމާގެ އެންމެ ހަލަބޮލި ސަރަހައްދުތަކުގެ ތެރޭގައެވެ.
އޭގެ ތެރޭގައި ހަމަނުޖެހުން ބޮޑު ރަޚައިން ސްޓޭޓް ހިމެނެއެވެ. 2022 ވަނަ އަހަރު ވެސް ޗައިނާއިން ހިންގާ ނިކަލް ޕްރޮސެސިންގ ޕްލާންޓަކަށް ހަތިޔާރުއެޅި ގްރޫޕަކުން ހަމަލާދީފައިވެއެވެ. އަދި މަންޑަލޭގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓަށް ދާދިފަހުން ބޮމުގެ ޙަމަލާއެއްވެސް ދީފައިވެއެވެ. ޗައިނާގެ ހަތިޔާރުއެޅި ސެކިއުރިޓީ ކުންފުންޏެއް މިޔަންމާގައި ގާއިމްކުރުމަކީ އެގައުމުގެ ސިޔާދަތަށް ނުރައްކާތެރިކަމެއް ކަމަށް މިޔަންމާގެ ބައެއް ރައްޔިތުން ދެކެއެވެ. 2008 ވަނަ އަހަރުއްސުރެ މިޔަންމާގައި އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ދަށުން އެގައުމުގައި އެހެން ގައުމެއްގެ ސިފައިންނަށް ނުތިބެވޭނެއެވެ. އެހެންކަމުން މިއީ ސެކިއުރިޓީ ކުންފުންޏެއްގެ ނަމުގައި ޗައިނާގެ ސިފައިން މިޔަންމާގައި ތިބުމަށް ކުރާ ކަމެއްކަމަށް މިޔަންމާގެ ގިނަ ބަޔަކު ދެކެއެވެ.