ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމުން އެއާޕޯޓު ނުހުންނަ ރަށްތަކަށް ވެސް ރޭގަނޑުގެ ވަގުތުތަކުގައި ދަތުރު ކުރެވިގެން ދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން (ކެޕްޓަން އަމީން) ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އިން ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު އަމީން ވަނީ އަންނަ އަހަރުގެ މާޗު މަހު އެ ހިދުމަތް ފެށިގެން ދާނެ ކަމަށް ވިދާޅުވެފައެވެ.
މިއަދަކީ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރާއި ބެހޭ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތާބެއްގައި ވިދާޅުވީ ރާއްޖޭގެ މަދަނީ އުދުމުގެ ސިނާއަތް ސިންދަފާތު ކުރުމުގެ ގޮތުން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
"މެޑިކަލް އިވެކިއުއޭޝަން ހިމެނޭ ގޮތަށް މި ހިދުމަތް ފެށުމާއެކު ރިސޯޓުތަކާއި އެއާޕޯޓާއި ދެމެދު ފަތުރުވެރިން ވައިގެ މަގުން އުފުލުމުގެ ހިދުމަތް ލިބިގެން ދާނެއެވެ. އަދި ރާއްޖޭގައި އެއާޕޯޓުތައް ނެތް ސަރަހައްދުތަކަށް ވެސް ރޭގަނޑު ދަތުރު ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ،" އަމީން ވިދާޅުވިއެވެ.
އަމީން ފާހަގަކުރެއްވި ގޮތުގައި، ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތަށް މިފަދަ އުދުހުންތައް ރާއްޖޭގައި ފުޅާވުމުން އިގްތިސޯދީ އަދި އިޖުތިމާއީ ފައިދާ އިތުރުވެގެން ދާނެއެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް ޓްރާންސްޕޯޓުން ވަނީ މިދިޔަ އޮގަސްޓު މަހުގެ 6ވަނަ ދުވަހު އިއުލާން ކޮށްފައެވެ. ހިދުމަތް ރާއްޖޭގައި ދިނުމަށް ބޭރުގެ 36 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް ޓްރާންސްޕޯޓުން މީގެކުރިން ބުނެފައިވެއެވެ.
ރާއްޖޭގައި މިހާރުވެސް ބަލި މީހުން އުފުލުމަށް އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރެއް އެބައޮތެވެ. ނަމަވެސް އެ ހެލިކޮޕްޓަރު އޮޕަރޭޓު ކުރުމަށް ރާއްޖެ އައިސްފައި ތިބީ އިންޑިއާ ސިފައިން ކަމަށް ވާތީ، ރާއްޖޭގައި ބޭރު އެއްވެސް ގައުމެއްގެ މިލިޓަރީ މީހަކު ހުރުމަކީ ބަލައިގަނެވޭނެ ކަމަކަށް ނުވާތީ އެ މީހުން މިހާރު ވަނީ އަނބުރާ އިންޑިއާ އަށް ފޮނުވާލައިފައެވެ. އަދި އެ ހެލިކޮޕްޓަރުތައް އޮޕަރޭޓު ކުރުމަށް މިހާރު އިންޑިއާގެ މަދަނީ ބަޔަކު ވަނީ ރާއްޖެ އައިސްފައެވެ.