ބައިނަލްއަގުވާނީ ކްރެޓިޑް ރޭޓިން އޭޖެންސީ މޫޑީސްއިން ދިވެހިރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން "ސީއޭއޭ2" ގައި ދެމެހެއްޓުމަށް ނިންމުމަށްފަހު، ފާހަގަކޮށްފައިވާ ކަންކަން ރަނގަޅު ކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މޫޑީސްއިން އިއްޔެ ނެރުނު ބަޔާނުގައި ކްރެޑިޓް ރޭޓިންގ ދެމެހެއްޓުމުގައި ބަލާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކަަށް އަލިއަޅުވާލާފައިވެއެވެ.

އެކަމާއި ގުޅިގެން ފިނޭންސް އިން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނީ މޫޑީސްއިން ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން ފާހަގަކޮށްފައިވާ ހިރާސްތައް ގަބޫލުކޮށް، އެ ކަންކަން ރަނގަޅުކުރަން ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އަދި ސަރުކާރުގެ އިގްތިސާދީ ރިފޯމް އެޖެންޑާގެ ދަށުން އިގްތިސާދު ފުޅާވެ، މާލީ ހާލަތު ރަނގަޅުވަނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މޫޑީސް އިން ކްރެޑިޓް ރޭޓިން ދެމެހެއްޓި ސަބަބުތަކުގެ ތެރޭގައި މަރުކަޒީ ބޭންކް އެމްއެމްއޭއިން އަލަށް ތައާރަފުކުރި ބޭރު ފައިސާއާބެހޭ ގަވާއިދުތަކާއި އަދި ސަރުކާރުން ޓެކްސްއަށް ގެނައި އިސްލާހުތަކުން ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށްފައިވެއެވެ.

ފާއިތުވި މަސްތަކުގައި، ރާއްޖެއަށް ބޭރު ފައިސާގެ ފައިނޭންސިންގ ހޯދުމުގައި ކާމިޔާބީތަކެއް ހާސިލުވެފައިވާ ކަމަށްވެސް މޫޑީސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ދިވެހިރާއްޖެއާއި އިންޑިއާއާއެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ޤާއިމުކޮށްފައިވުމަކީ ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކޮށްފައިވާ މުހިންމު ކަމެއްކަމުގައި މޫޑީސްއިން ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ސަރުކާރުން ޓެކްސް ރޭޓުތަކަށް ގެނެސްފައިވާ ބަދަލުތައްތަންފީޒުވެގެން ދިއުމާއެކު، ބޭރު ފައިސާގެ ރިޒާވް އިތުރުވެގެން ދާނެކަމަށްވެސްއަންދާޒާކޮށްފައިވެއެވެ.

އެހެން ނަމަވެސް، ކުރިއަށް އޮތް 12-18 މަސްދުވަހުގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެކަމަށް ބެލެވޭއިރު، ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް އަދިވެސް ދެމިގެންދާނެ ކަމަށް މޫޑީސްއިން ބަޔާންކޮށްފައިވެއެވެ.

މޫޑީސްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިހާރު އެކަށައަޅާފައިވާ ކްރެޑިޓް ރޭޓިންގ ކުރިއަށްއޮތް ދުވަސްތަކުގައި އެ މިންގަނޑުގައިދެމެހެއްޓުން ނުވަތަ މަތިވުން ބިނާވާނީ ދިވެހިރާއްޖޭގެ ސަރުކާރަށް ބޭރު ފައިސާއިން ފައިނޭންސިންގ ހޯދޭ މިންވަރަށާއި، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ސަރުކާރުން ކަނޑައަޅާފައިވާ ފިސްކަލް ރިފޯމްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގެ މައްޗަށެވެ.