ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަރުވެފައި ވަނީ މީހެއްގެ ފުށުން ލިބުނު އަނިޔާއެއްގެ ސަބަބުންކަން މިހާތަނަށް ތަހުގީގުން ފެނިފައިވާ ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޒަހަމްތަކަކާ އެކު ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނުއެވެ. އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް ޒަކިއްޔާގެ ރަށް ހޮޅުދޫގައި މި މަރާއި ގުޅިގެން ދާދިފަހުން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސާމިއު ވިދާޅުވީ ޒަކިއްޔާ މަރުވެފައި ވަނީ މީހެއްގެ ފުށުން ލިބުނު އަނިޔާއެއްގެ ސަބަބުންކަން މިހާތަނަށް ކުރި ތަހުގީގުން އެނގިފައި ނުވާ ކަމަށެވެ.

ނަމަވެސް ޒަކިއްޔާ އަށް އަނިޔާގެ ގިނަ ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި އެގޮތުން ކަރުގެ ދެފަރާތުގައި ތޫނު އެއްޗަކުން ލިބިފައި ހުރި އަނިޔާގެ ޒަހަމްތައް ހުރި ކަމަށް ސާމިއު ވިދާޅުވިއެވެ.

ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސާމިއު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ފޮޓޯ | ހަތާވީސް

"އެގޮތުން ކަރުގެ ވާތް ފަޅީގައި ފުން ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުން ދެ ޒަހަމެއްގެ އިތުރުން ކަރުގެ މެދާ ހިސާބެއްގައި ތިލަކޮށް ހުރި އެއް ޒަހަމް ހުރިކަން ފާހަގަކޮށްލަން ޖެހޭ،" ޒަކިއްޔާ އަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލު ހިއްސާ ކުރައްވަމުން ސާމިއު ވިދާޅުވިއެވެ.

ޒަކިއްޔާ ދިރިއުޅޭ ގެއަކީ ދެފަރާތުން ވެސް މީހުންނަށް ވަދެ ނިކުމެވޭ ގޮތަށް ހުރި ގެއަކަށްވީ ނަމަވެސް ސީސީޓީވީގެ ފުޓޭޖުތަކުން އެ ގޭގެ އެއްވެސް ފަރާތަކުން މީހަކު ވަދެފައި ނުވާ ކަމަށް އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ތަނުގެ ކައިރީގައި ވަޅިއެއް އޮތް ކަމަށާއި އެ ވަޅީގައި ލޭ ހުރި ކަމަށްވެސް ފުލުހުން ބުންޏެވެ. އެ ވަޅީގައި ހުރީ ޒަކިއްޔާގެ ލޭ ކަމަށާއި ހެދުމުގައި ވެސް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް ފުލުހުން ބުންޏެވެ.

ޒަކިއްޔާގެ ޕޯސްޓްމޯޓަމް ނުހަދާ ވަޅުލާން ނިންމި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް ތަހުލީލުތައް ކޮށްފައިވާ ކަމަށެވެ. އަދި އެވަގުތު މާލޭގައި މެތޮލޮޖިސްޓެއް ހުރުމުން އޭނާގެ ރިޕޯޓު ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.