ހއ. ކެލާގައި ސިހުރު ހަދާ މީހުންގެ އުނދަގޫ ބޮޑުވެ، ފުލުހުން އެރަށުގައި ހާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ.

އެނގިފައިވާ ގޮތުގައި މި އޮޕަރޭޝަން ފަށާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުންގެ ހާއްސަ ޓީމެއް ކެލާ އަށް ގޮސް އެ އޮޕަރޭޝަން ހިންގާފައިވާއިރު ގިނަ އަދަދެއްގެ ތަންތަން ބަލާ ފާސްކޮށްފައިވެއެވެ.

އަދި ސިހުރު ހަދަން ގެންގުޅޭ ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ސިހުރު ހަދާ ކަމުގެ ތުހުމަތު ކުރެވޭ ހަ މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

ކެލާ އިން ވާހަކަދެއްކި މީހަކު މިއަދު "ހަތާވީސް" އަށް ކިޔައިދިން ގޮތުގައި އެރަށުގައި ސިހުރު ހަދާ މީހުންގެ އުނދަގޫ ވަރަށް ބޮޑުވެފައެވެ. އެކަމުގެ ތަހައްމަލު އެތައް އާއިލާއަކުން މިއަދު ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

"ސިހުރާ ހެދި ނޫޅެވިގެން މިއުޅެނީ. އެ ހަދާ މީހުންގެ އުނދަގޫ ވަރަށް ބޮޑު. ދަންވަރު މީހުން ނިދާފައި ތިއްބާ ގޭގެއަށް ވަދެ އެތައް އެއްޗެއް އެބަ ވަޅުލާ. އެތައް އާއިލާއަކަށް މިއުޅެނީ ނޫޅެވިގެން މިކަމަކާއި ހެދި،" އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

މިކަމާއި ގުޅިގެން ފުލުހުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި ސިހުރު ހާހޫރުގެ ކަންތައްތަކަކީ މިއަދު ބޮޑުވެފައިވާ މައްސަލައެކެވެ. ފާޅުކަން ބޮޑު ގޮތެއްގައި މިފަދަ ކަންކަން ކުރާ ފަރާތްތައް ވެސް މިއަދު މަދެއް ނޫނެވެ. ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ވެސް މިފަދަ ނުބައި އަމަލުތައް ކުރާ ފަރާތްތައް އަންނަނީ ފާޅުގައި އެފަދަ ކަންކަން ކުރާ ކަމަށް ދައްކާ އިޝްތިހާރު ކުރަމުންނެވެ.

ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ވޭތުވެދިޔަ އަހަރުތަކުގައި އެތަކެއް ބަޔަކު ރާއްޖޭން ހައްޔަރު ކޮށްފައިވެއެވެ. ނަމަވެސް މީގެތެރެއިން ގިނަ މީހުން ތިބީ ދޫވެފައެވެ. މާބޮޑު އަަދަބެއް ނުދެވެއެވެ. އެމީހުންނަށް ހަރުކަށި އަދަބު ދިނުމަށް އާއްމުން އެތައް ފަހަރަކު ގޮވާލައެވެ.