ސިއްހީ ހާލުކޮޅު ހުރިގޮތުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ޑރ. އާއިޝަތު ރަމީލާ ހުށަހަޅުއްވައިފިއެވެ. އެކަމަނާގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުފުޅު ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މިކަން ހާމަކުރައްވައި ނެރުއްވި ނޫސް ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އަލާސްކަންފުޅާ އުޅުއްވަމުންވެސް، ރަމީލާ ދިވެހިރާއްޖޭގެ ގާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން، ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގެވުމުގައި އެހީތެރިވުމަށް، އެ މަނިކުފާނަށް ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށްޓަކައި ޝުކުރު އަދާ ކުރައްވައިފައެވެ.
ރަމީލާ ފަދަ ހީވާގި، އަމާނާތްތެރި، ގާބިލް ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވިކަމީ، އެ މަނިކުފާނު ނުހަނު އުފާފުޅުކުރައްވާ ކަމެއް ކަމަށާއި، ކުރިއަށް އޮތްތާނގައިވެސް ރަމީލާގެ ހިދުމަތް، ދިވެހި ގައުމަށް ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމުގައިވެސް އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ބަޔާން ނިންމާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތް ރަސްކަލާނގެ ތަނަވަސް ރަހުމަތްފުޅުން އެކަމަނާ އަށް އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރައްވައި، އަދަށްވުރެ އުފާ ފާގަތި މުސްތަގުބަލެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުއާ ދަންނަވާފައެވެ.
ޑރ. ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ހެލްތު އެންޑް ފެމެލީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ. އެކަމަނާ ދިވެހި ސަރުކާރުގެ ހިދުމަތް ފެއްޓެވީ 1990 ވަނަ އަހަރު، ނަރުހެއްގެ ވަޒީފާއިންނެވެ.
ވޭތުވެ ދިޔަ 34 އަހަރުދުވަހުގެ ތެރޭގައި، ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާއި ހިދުމަތްތަކުގެ ދާއިރާގައިވެސް އެ ކަމަނާގެ ހިދުމަތް ދިވެހި ގައުމަށް ދިޔައީ ލިބެމުންނެވެ. އެކަމަނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާގައި ޕީއެޗްޑީ ޙާޞިލްކުރައްވާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ