އިދިކޮޅު އެމްޑީޕީގެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓެއް ފުލުހަށް ހާޒިރުވާން އަންގައިގިއެވެ.
ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގީ ހުސައިން ޝާފިއު (ތުއްތު) އެވެ. ހާޒިރުވާން އަންގާފައި ވަނީ މާދަމާ މެންދުރު 13:00އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވާށެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓްވީޓު ކުރާތީ ފުލުހުންގެ އިދާރާ އަށް ޝާފިއު ހާޒިރުވާން އެންގިއިރު ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ކައުންސިލަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.
"ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެ. ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ. ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ،" ފައްޔާޒު ވިދާޅުވިއެވެ.
މިގޮތަށް ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒުގެ ޕޯސްޓާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވަނީ ޝާފިއު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރާ ޕޯސްޓު ހިއްސާ ކުރައްވާފައެވެ. އޭގައި ޝާފިއު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގެއްގެ މަތިން ނުފެނުމަށް ބުނެފައެވެ.
"މި ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް އޮތުމުން މިކަމުގެ ތަފްސީލު ހޯދާ މިކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭކަމެއް،" އިހުސާން ވިދާޅުވިއެވެ.
މާދަމާ މީހަކު މިފަދަ އިބާރާތެއް ފައްޔާޒަށް ނިސްބަތްކޮށް ވާހަކައެއް ބުނެފި ނަމަ އެއީ ހިޔާލުފާޅުކުރީ ކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ އިހުސާން ވަނީ ސުވާލު ކުރައްވައިފައެވެ. އަދި އެހެން އަޅާނުލާ ތިއްބާ ފައްޔާޒަށް މަގެއްމަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށްދިނީ ކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ ވެސް އިހުސާން ސުވާލު ކުރެއްވިއެވެ.
"މިއީތޯ މަނިކުފާނުގެ ޒަޢާމަތެއްގައި މިގައުމުގައި ކަންކަން އޮންނާނެގޮތަކީ،" އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ޔަގީނުންވެސް މިސަރުކާރުގަ އެއްވެސްބޭފުޅެއް އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
ހަމައެއާއެކު ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފައި ކަމަށާއި ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޢައިރު ޒިންމާދާރު ކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ.