މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ދަޢުވާކޮށްފައިވާ މިންވަރު މިދިޔަ އަހަރަށްވުރެ 112.5 އިންސައްތަ އިތުރުވެފައިވާކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ އޮފީސް އޮފް އޯވަރސީސް ޕްރޮސިކިއުޓޯރިއަލް ޑިވަލޮޕްމަންޓް އެސިސްޓެންސް އެންޑް ޓްރެއިނިނިގް (އޯ.ޕީ.ޑީ.އޭ.ޓީ) އިން މިމަހުގެ 17 އިން 21 އަށް ކްރޮސްރޯޑްސްގައި ބޭއްވި "ސައުތް އޭޝިއާ ރީޖަނަލް ކައުންޓަރ ނާކޮޓިކްސް ޓްރެފިކިންގ ޕްރޮގްރާމް" ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން، ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ، މިހާރު ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ ވައިގެ މަގުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް ކަމަށެވެ.
އެގޮތުން އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ 17 ދަޢުވާ ކޯޓަށް ހުށަހަޅާފައިވާކަމަށާއި، އަދި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ 190 ދަޢުވާ މިއަހަރުގެ މިހާތަނަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ކުރި ދައުވާތަކާ އަޅާ ބަލާއިރު 112.5 އިންސައްތަ އިތުރުވުމެއް ކަމަށާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކުގައި ދައުވާކުރެވިފައިވާ ނިސްބަތް 14 އިންސައްތަ އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިކަމުން ދައްކުވައިދެނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން މަސްތުވާތަކެތި ހިފަހައްޓާ މިންވަރު މިއަހަރު ތެރޭގައި އިތުރުވެފައިވާކަން. މިކަމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަޅުގަނޑު މަރުޙަބާ ދަންނަވަން. އަދި މިކަން ތަންފީޒުކުރުމަށް މަސައްކަތްކުރާ އެންމެހައި އިދާރާތަކަށް އަޅުގަނޑު މަރުޙަބާ ދަންނަވަން." ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިތުރުން ނޭޕާލް، ސްރީ ލަންކާ، ބަނގްލަދޭޝްގެ ޕްރޮސިކިއުޓަރުންނާއި، އިންވެސްޓިގޭޓަރުންނާއި އެނަލިސްޓުން ބައިވެރިވި މި ތަމްރީނު ޕްރޮގްރާމްގައި އެކި ގައުމުތަކުން މަސްތުވާތަކެއްޗާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެއެވެ.