ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ތަދައްހުލުވެއްޖެއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިންއެވެ.

އޭނާ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ގާނޫނުއަސާސީގެ ފަސް މާއްދާއަކާ ހަވާލާދީ، އެ މާއްދާތަކާ ހިލާފަށް ގާނޫނުއަސާސީ ބަދަލުކުރި ކަމަށް ބުނެއެވެ.

އަލީން ހުސައިން ހަވާލާދީފައިވާ ގާނޫނުއަސާސީގެ 90 ވަނަ މާއްދާގައި ބުނެފައި ވަނީ މެމްބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއް އަދި ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން ކޯޓަކަށް ހާޒިރުކޮށް، ނުވަތަ ތަހުގީގެއް ހިންގައި ހައްޔަރުކޮށް ބަންދެއްކޮށް ނުވަތަ އެ މީހަކަށް ދައުވާއެއްކޮށް ހަދައިގެން ނުވާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނުގައި ފާހަގަކޮށްފައި ވަނީ ގާނޫނުއަސާސީ އަށް މިހާރު ގެނެސްފައިވާ އިސްލާހަކީ ގާނޫނުއަސާސީގެ ބާރު ކެނޑިގެންދާ ގޮތަށް، ގާނޫނުއަސާސީ އާއި މުޅި ދިވެހި ދައުލަތް އެ މައްޗަށް ބިނާވެފައިވާ ޑިމޮކްރަސީގެ އަސާސީ ހަމަތަކާއި، ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ފާސްކުރުމުގައި މީގެ ކުރިން އަމަލުކުރަމުން ގޮސްފައިވާ އުސޫލުތަކާ ހިލާފަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހެއް ކަމަށެވެ.

"ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހު ގާނޫނުއަސާސީއާ ހިލާފުކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވާ ނިންމުމަށް މަރުހަބާ ކިޔައި، އެ މައްސަލައިގެ ތެރެއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ތަދައްހުލުވުމަށް ނިންމާފައިވާކަން، އެންމެހައި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ" އެމްޑީޕީން ބުންޏެވެ.

ޑިމޮކްރެޓްސް އިން ނެރެފައިވާ ބަޔާނުގައި ބުނީ ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ ބާރާއި ބޭނުން ކަނޑުވާލާ، ގާނޫނުއަސާސީގެ ކިތަންމެ ތަސައްވުރަކާ ދެކޮޅަށް އޮތް އަދި ވަކިން ހާއްސަކޮށް ގާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑު ބަދަލުގެނުވާ ބޭސިކް ސްޓްރަކްޗާ ޑޮކްޓްރިންއާ ހިލާފު ގާނޫނުނެއް ކަމަށެވެ.

އަދި އެ ގާނޫނު ބާތިލުކުރުމަށް އެދި ގާނޫނީ ފަންނުގެ މާހިރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙުސައިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައަށް ދަ ޑިމޮކްރެޓްސް އިން ތަދައްހުލުވުމަށް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް:

  • ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުގެ ގޮނޑި ގެއްލޭނެ
  • މަޖިލީހުގެ ރުހުމެއް ނެތި ބޭރުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ
  • ހިޔާލު ހޯދުމުގެ މާއްދާ ބަދަލުކުރެވޭނީ ވެސް ހިޔާލު ހޯދުމުގެ ވޯޓަކުން
  • ރާއްޖޭގެ އީއީޒެޑަށް ބަދަލެއް ގެނެވޭނީ ހިޔާލު ހޯދުމުގެ ވޯޓަކުން