އަވަސް އަރުވާލައިގެން ގާނޫނުއަސާސީއަށް އިއްޔެ ގެނައި އިސްލާހުތަކާ އެކު، ރާއްޖޭގެ ޑިމޮކްރަސީގެ އިރު އޮއްސިގެން ހިނގައްޖެ ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.

މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީން ވަކިކޮށްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނޫއަސާސީ އިސްލާހުކުރީ އެ ބިލު މަޖިލީހަށް ހުށަހެޅިތާ ނުވަ ގަޑިއިރު ތެރޭގައެވެ. ގާނޫނުއަސާސީގެ ފަސް މާއްދާއަކަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް:

  • ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުގެ ގޮނޑި ގެއްލޭނެ
  • މަޖިލީހުގެ ރުހުމެއް ނެތި ބޭރުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ
  • ހިޔާލު ހޯދުމުގެ މާއްދާ ބަދަލުކުރެވޭނީ ވެސް ހިޔާލު ހޯދުމުގެ ވޯޓަކުން
  • ރާއްޖޭގެ އީއީޒެޑަށް ބަދަލެއް ގެނެވޭނީ ހިޔާލު ހޯދުމުގެ ވޯޓަކުން

އެކަމާ ގުޅިގެން އެމްޑީޕީގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އިއްޔެ މަޖިލީހުން އަމަލުކުރި ގޮތަކީ ޑިމޮކްރަސީގެ އެއްވެސް ހަމައަކުން ކަން ކުރެވިގެންދާނެ ގޮތެއް ނޫން ކަމަށެވެ. މީގެ 16 އަހަރު ކުރިން 2008 ވަނަ އަހަރުން ފެށިގެން އަމަލު ކުރަން ފެށި، ގާނޫނުއަސާސީގެ މަފްހޫމަކީ ރައްޔިތުންނާ މަޝްވަރާކޮށްގެން ކަންކަން ނިންމުން ކަމަށް ވިދާޅުވިއެވެ. އެގޮތުން މަޖިލީހަށް ހުށަހަޅާ ކޮންމެ ބިލެއް އާންމުންގެ ހިޔާލަށް ހުޅުވާލުމަކީ 2009 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުންދާ ގޮތެއް ކަމަށާއި ނަމަވެސް މަޖިލީހުން އިއްޔެ އަމަލު ކުރީ އެއާ ހިލާފަށް ކަމަށެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މަޖިލީހުގައި އިއްޔެ ވޯޓު ނަގައި އިއުލާންކުރި ވަގުތަކީ މަގުރިބު ނަމާދަށް ބަންގި ގޮވި ވަގުތު ކަމަށާއި އެއީ އިރުއޮއްސުނު ވަގުތު ކަމަށް ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ އެ ވަގުތު ރަމްޒުވެގެންދިޔައީ ރާއްޖޭގެ ޑިމޮކްރަސީގެ އިރު އޮއްސިގެންދިޔަ ވަގުތު ކަމަށެވެ.

"އަޅުގަނޑަށް ސިފަވެގެން ދިޔައީ އޮއްސިގެން އެ ދިޔައީ ހަމައެކަނި އިއްޔެގެ އިރެއްގެ ނޫނޭ. ރާއްޖޭގެ ޑިމޮކްރަސީގެ އިރު އިއްޔެ އޮއްސިގެން ދިޔައީއޭ،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިއްޔެ މަޖިލީހުން ކަންކުރި ގޮތުން، ރައްޔިތުންނަށް ދިން މެސެޖަކީ "ކޮންމެ ކަމެއް ހިތުހުރި ގޮތަކަށް" ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަފާނެ ކަމުގެ މެސެޖު ކަމަށެވެ.

ގާނޫނުއަސާސީއަށް އިއްޔެ ގެނައި ބަދަލުގެ ސަބަބުން ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިން ބަދަލުކުރުމުގެ ފުރުސަތު ރައީސަށް ލިބިގެންދާ ކަމަށެވެ. މިސާލެއްގެ ގޮތުން ޝާހިދު ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަމަލު ކުރައްވަނީ "ޕާޓީއަށް ގަބޫލުކުރެވޭ ގޮތަކަށް ނޫން ކަމަށް ބުނެ" އޭނާ ޕާޓީން ވަކިކުރުމުން، މަޖިލީހުގެ ރައީސްކަމުގެ މަގާމާއި މަޖިލީހުގެ މެމްބަރުކަން ވެސް ގެންލިގެން ހިނގައިދާނެ ކަމަށެވެ.