ޕާޓީ ބަދަލުކޮށްފިނަމަ، މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނައުމަށް ބޭއްވި ޖަލްސާގައި މި ސަރުކާރަށް ތާއީދު ކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ބައިވެރިވެވަޑައެއްނުގަންނަވައެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ސިޔާމް ތާއީދު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ. ނަމަވެސް ގާސިމް އިބްރާހީމް ވަކިކޮޅަކަށް ތާއީދެއް ނުކުރައްވައެވެ. އެކަމަކު އިންތިހާބުން ރައީސް މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް ފަހު އާއި އަދި ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ގާސިމް ފެނިވަޑައިގަންނަވަނީ ވަރަށް ބޮޑަށް ސަރުކާރުގެ ނިންމުންތަކަށާއި ރައީސް މުއިއްޒަށް ތައުރީފު ކުރައްވަވާ ވާހަކަދައްކަވާ މަންޒަރެވެ.
އެކަމަކު މިއަދު ބޭއްވި ޖަލްސާގައި މި ދެބޭފުޅުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެގޮތުން މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވެސް އަދި ގާނޫނުއަސާސީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަށް ވޯޓަށް އެހުމަށް މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވެސް މި ދެ ބޭފުޅުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ. މި ދެ މެންބަރުން ޖަލްސާގައި ބައިވެރިވެވަޑައި ނުގެންނެވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.
މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވަނީ ގާސިމް އެކަންޏެވެ. ނަމަވެސް އެމްޑީއޭ ތަމްސީލު ކުރައްވަނީ ސިޔާމްގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު އައްބާސެވެ. ރެ އާއި ހަމައަށް އައްބާސް ވެސް ވަނީ ސޯޝަލް މީޑިއާގައި ސަރުކާރަށާއި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަދައްކަވަމުންނެވެ. އަދި ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހަށް ވެސް ވަރަށް ބޮޑަށް ރޭ ވަނީ ފާޑު ވިދާޅުވެފައެވެ.
ނަމަވެސް ވޯޓަށް އެހުމުގެ ކުރިން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހުތައް ދިރާސާކުރި މުޅި މަޖިލީހުގެ ކޮމެޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން އައްބާސް ވަނީ އެ އިސްލާހަކީ އޭނާ ވަރަށް ބޮޑަށް ތާއީދު ކުރައްވާ އިސްލާހެއް ކަމަށް ވިދާޅުވެފައެވެ.
ބިލުގައި އެންމެ ބޮޑު އިސްލާހަކަށް ހުށަހަޅާފައި ވަނީ މެމްބަރުންގެ ޝަރުތުތައް ތަފްސީލު ކުރުމަށް ބަޔާންކުރާ މާއްދާއެވެ.
އިސްލާހު ކުރުމަށް ހުށަހަޅާ ބިލުގައި ބުނެފައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އިންތިހާބުވި އުމުރުގެ ތެރޭގައި އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން ނުވަތަ އެ މެމްބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.
މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަސްފަހު، އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމަކީ ވެސް ގޮނޑި ގެއްލޭނެ ސަބަބެއް ކަމަށް އަލަށް ހުށަހަޅާ އިސްލާހުގައިވެއެވެ.