ޕާޓީ ބަދަލުކޮށްފިނަމަ، މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ސަރުކާރުން ހުށަހަޅާ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލުން އެދިއްޖެއެވެ.
ބާ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލާއި މެދު އެ ކައުންސިލްގެ އާއްމު މެންބަރުންނާއި ގާނޫނީ ވަކީލުންގެ މެދުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
އެ ބިލާ ގުޅިގެން ބާ ކައުންސިލުގެ އާންމު މެމްބަރުންގެ ހިޔާލާއި މަޝްވަރާ މަޖިލީހަށް ހުށަހެޅުމަކީ މުހިއްމު ކަމެއް ކަމަށް އެ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީއަށް ފެންނާތީ އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް މަޖިލީހުގައި ބާ ކައުންސިލުން އެދިފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހެއް ނުވަތަ ބަދަލަކީ ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ގެނެވޭ އިސްލާހުތަކަކަށް ވާންޖެހޭ ކަމަށް ވެސް ބާ ކައުންސިލުން ބުނެއެވެ.
ޕާޓީ ބަދަލުކޮށްފިނަމަ، މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ސަރުކާރުން ހުށަހަޅާ ބިލު ފާސް ކުރުމަށް ބާއްވާ ޖަލްސާ މިއަދު ހަވީރަށް ވަނީ އެޖެންޑާކޮށްފައެވެ.
މަޖިލީހުގެ އިދާރާ އިން މިހާރު ވަނީ މިއަދު ހަވީރު އޮންނަ ޖަލްސާގެ އެޖެންޑާ ނެރެފައެވެ. ޖަލްސާ އޮތީ ހަވީރު 17:30ގައެވެ.
މަޖިލީހަށް މި ބިލު ހުށަހަޅާފައި ވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
ގާނޫނުއަސާސީގެ ފަސް މާއްދާއެއް އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލުގައި އެންމެ ބޮޑު އިސްލާހަކަށް ހުށަހަޅާފައި ވަނީ މެމްބަރުންގެ ޝަރުތުތައް ތަފްސީލު ކުރުމަށް ބަޔާންކުރާ މާއްދާއެވެ.
އިސްލާހު ކުރުމަށް ހުށަހަޅާ ބިލުގައި ބުނެފައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އިންތިހާބުވި އުމުރުގެ ތެރޭގައި އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން ނުވަތަ އެ މެމްބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.
މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަސްފަހު، އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމަކީ ވެސް ގޮނޑި ގެއްލޭނެ ސަބަބެއް ކަމަށް އަލަށް ހުށަހަޅާ އިސްލާހުގައިވެއެވެ.