ޕާޓީތަކުގެ ލީޑާޝިޕުން ބޭނުންވުމުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކިކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމާ ދެކޮޅު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
އެންޓި ޑިފެކްޝަން ގާނޫނަށް ތާއިދު ކުރައްވާ ކަމަށް ވިދާޅުވެ، މީކާއިލް ވިދާޅުވީ މެންބަރުން އިންތިހާބުކުރި ރައްޔިތުން ކައިރިން އަހާނުލައި، އޭނާ މަގާމުން ވަކިކުރުގެ ބާރު ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕަށް ދީގެން ނުވާނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކިކުރެވޭނެ އިޖުރާއަތެއް ކަނޑައެޅިގެންދާއިރުގައި އަޅުގަނޑުމެން އިސްކުރަން ޖެހޭނީ ރައްޔިތުން. އަޅުގަނޑުމެން އަހަން ޖެހޭނީ ރައްޔިތުން ގާތުގައި އޭނާ ވަކިކުރަން ބޭނުންތޯ،" މީކާއިލް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ އިތުބާރު ނެތް ކަމަށް ތަފާތު އެކި ދިރާސާތަކުން ދައްކާ ކަމަށް ފާހަގަކޮށް، މީކާއިލް ވިދާޅުވީ 5،000 ރައްޔިތުންގެ ވޯޓާ އެކު، އިންތިހާބުކުރާ މީހަކަށް ޕާޓީއެއްގައި ތިބޭ ދެތިން މީހަކު ވެގެން އޭނާ މެމްބަރުކަމުން ވަކިނުކުރެވޭނެ ކަމަށެވެ.
ގާނޫނުއަސާސީގެ ފަސް މާއްދާއެއް އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލުގައި އެންމެ ބޮޑު އިސްލާހަކަށް ހުށަހަޅާފައި ވަނީ މެމްބަރުންގެ ޝަރުތުތައް ތަފްސީލު ކުރުމަށް ބަޔާންކުރާ މާއްދާއެވެ.
އިސްލާހު ކުރުމަށް ހުށަހަޅާ ބިލުގައި ބުނެފައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އިންތިހާބުވި އުމުރުގެ ތެރޭގައި އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން ނުވަތަ އެ މެމްބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.
މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަސްފަހު، އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމަކީ ވެސް ގޮނޑި ގެއްލޭނެ ސަބަބެއް ކަމަށް އަލަށް ހުށަހަޅާ އިސްލާހުގައިވެއެވެ.
ބިލުގެ ބަހުސް މަޖިލީހުގައި މިއަދު ފެށީ މަޖިލީހުގެ ގަވާއިދުގައި ބިލުގެ މަރުހަލާތައް އަވަސްކޮށްލައިގެންނެވެ. އެގޮތުން ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، ބަހުސްގެ މަރުހަލާ ވަނީ ފަށާފައެވެ. މިއަދު އެ ބިލަށް ބަހުސްކޮށް، ކޮމެޓީން މަރުހަލާއިން ބިލު ނިންމައިފިނަމަ، ބިލު ފާސްކުރަން ވޯޓަށް އަހާނެއެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ގަފޫރު އިންތިހާބުކޮށްފި
ލިޔެކިއުންތައް ފަޒުލް ނައްތާލިކަމަށް ބާރުދޭ ހެއްކެއް ނެތް: ޕީޖީ
ޝާހިދު އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލް ބައްދަލުވުމުގައި
"ޖުޑީޝަރީއަށް އަޅުގަނޑު ނުފޫޒު ފޯރުވައޭ ބުނާނެ ފަނޑިޔާރަކު ނުހުންނާނެ"
ހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަނީ
ސެލޫނަކަށް ވަދެ، މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފި