މާޅޮސްމަޑުލުގެ އެންމެ އުތުރަށް އޮތް ހަތަރު ރަށުގެ ތެރެއިން ރަސްގެތީމާއި އަނގޮޅިތީމަކީ ރާއްޖޭގައި އެންމެ ފުރަތަމަ މީހުން އުޅެން ފެށި ކަމަށް ކިޔާ ރަށްތަކުގެ ތެރޭގައި ހިމެނޭ ދެ ރަށެވެ. އެކި އެކި މަސައްކަތްތަކަށް އަނގޮޅިތީމު ކޮނުނު އިރު ނެގުނު ގަދީމީ އަސަރުތައް ނުވަތަ "އާޓިފެކްޓް"ތަކަކީ މިވާހަކައަށް ބާރުލިބޭ ހެކިތަކެވެ. ފޯކްލޯރު ބުނާ ގޮތުން ނަމަ ރާއްޖޭގެ ފުރަތަމަ ރަސްގެ "ކޮއިމަލާ" ވަޑައިގެން ރަސްގެތީމުގައި ބަނޑަހަޖެއްސެވި އިރު އަޅުން ބޭތިއްބެވީ އަނގޮޅިތީމުގައެވެ. އޮނގޮޅިތީމަށް އެގޮތުން އޭރު ކީ ނަމެއް ކަމަށް ބުނަނީ "އަޅުގެ ތީމް"އެވެ.

އަނގޮޅިތީމުގެ ބަނދަރަށް ވަންނަ އިރު ވައަތްފަރާތުން ފެންނަން މިހިރަ "ވިޒިޓާސް ސެންޓަރު" ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބިނާކުރީ އަނގޮޅިތީމުގެ މި ތާރީހަށް ރިއާޔަތްކޮށްގެންނެވެ.

"ވޭތުވެ ދިޔަ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރަކަށް އަލީ ވަހީދު ހުންނެވި އިރު، އެ ބޭފުޅާގެ ވިސްނުންފުޅަކަށްވީ، ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ ތާރީހީ ބިނާ، މި ރަށުގައި ބިނާކުރަން،" އަނގޮޅިތީމު ކައުންސިލްގެ ރައީސް ފައިސަލް ނަސީމު ވިދާޅުވި އެވެ.

ރ. އަނގޮޅިތީމު ކައުންސިލްގެ ރައީސް ފައިސަލް ނަސީމު: ވިޒިޓާސް ސެންޓަރު ބޭނުންނުކުރެެވި ވާތީ، ކަންބޮޑުވުންފާޅު ކުރެއްވި -- ފޮޓޯ/ ހުސައިން ހަސަން | ހަތާވީސް

ފެނަކައާ ހަވާލުކޮށްގެން ބިނާކުރި އެ އިމާރާތް އޭރު ހުޅުވީ އަނގޮޅިތީމުގެ އެތަން މިތަނުން ނެގުނު ގަދީމީ އަސަރުތައް (އާޓިފެކްޓްތައް) އަތުރާލައި، އެރަށުގެ ތާރީހީ މައުލޫމާތު ޓޫރިސްޓުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތަކާ އެކުގަ އެވެ. އެގޮތުން އަތުރައިލި ތަކެތީގެ ތެރޭގައި ދެ ހާސް އަހަރަށް ވުރެ ކުރީގެ އެތައް އެއްޗެއް ހިމެނޭ ކަން އަނގޮޅިތީމަށް ޒިޔާރަތްކުރި ބޭރުގެ ބައެއް މާހިރުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެހެން ކަމުން އަނގޮޅިތީމު ޓޫރިސްޓް ވިޒިޓާސް ސެންޓަރު ހުޅުވީ އެފަދަ ތަނަކަށް ބޭނުންވާނެ ހުރިހާ ފުރިހަމަކަމަކާ އެކުގައި ކަމަށް ބުނެވިދާނެ އެވެ. އެހެން ނަމަވެސް މިއަދު އެތަނަށް ވެރިވެފައި އޮތީ ވީރާނާކަމެވެ. ފައިސަލް ވިދާޅުވި ގޮތުގައި ސެންޓަރު ވީރާނާވީ އެތަނުގެ ބެލެނިވެރިފަރާތެއް ކަނޑަނޭޅި، ކައުންސިލަށް ނުލިބި ހުރުމުންނެވެ.

"ވަރަށް ބޮޑަށް އަޅައިނުލެވި ދޫކޮށްލެވިފައި މިއޮތީ އިމާރާތަށް. އެހެންކަމުން އެ އިމާރާތުގައި އާސާރީ ތަކެތި މިހާރު ވާނީ ކައުންސިލް އިދާރާގައި ބަހައްޓާފައި،" އޭނާ ވިދާޅުވި އެވެ.

ރ. އަނގޮޅިތީމުން ފެނުނު އާސާރުތައް އެ ރަށު ކައުންސިލް އިދާރާގައި: މިތަކެތި ކުރިން ބަހައްޓާފައި ހުރީ ތާރީހު ދައްކައިލަން އެޅި އިމާރާތުގައި-- ފޮޓޯ/ ހުސައިން ހަސަން | ހަތާވީސް

އެ ސެންޓަރު އަނގޮޅިތީމު ކައުންސިލާ ހަވާލުނުކުރުމުގެ އުޒުރަކަށް ކުރިއްސުރެ އޮތީ ބަލައިގަންނަން ވަރަށް އުނދަގޫ ކަމެކެވެ. އެއީ އެތަނުގެ ވަށާފާރު ރާނަން ފެނަކައާ ހަވާލުކޮށްފައި އޮތް ކަމަށްޓަކައި، އެއީ ފެނަކައިގެ ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި ސަރުކާރުން ބެލުމެވެ.

"މީގައި ހިތާމައަކީ މިތަން ޓޫރިޒަމް މިނިސްޓްރީން ފެނަކައާ ހަވާލުކޮށްގެން އަޅާފައި މިތަނުގެ ބައުންޑްރީ [ވޯލް]ގެ މަސައްކަތް މި އޮތީ ނުނިމި. އަދިއަދަށް ވެސް މިހިރީ ކައުންސިލާ ވެސް ހަވާލުނުކޮށް،" ފައިސަލް ވިދާޅުވިއެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި އެކަހަލަ ރަނގަޅު އިމާރާތެއް، ވީރާނާވާން ދޫކޮށްލުމަކީ ކައުންސިލަށް ލިބޭ ބޮޑު ދެރަ އެކެވެ. އަދި އެއީ އެ އިމާރާތް ބިނާކުރި މަގުސަދާ ވެސް ހިލާފު ކަމެކެވެ. އޭނާގެ އުއްމީދަކީ އެކަމުގައި ސަރުކާރުން އަވަސް ނިންމުމެއް ނިންމައި، ކައުންސިލާ އިމާރާތް ހަވާލުކޮށް، އެތަނުގެ ފުރިހަމަ ބޭނުން ހިފޭނެ މަގުފަހިވުމެވެ.

އަނގޮޅިތީމުގެ އާސާރުތައް ދައްކާލަން ބެހެއްޓި އިމާރާތުގެ ފުރާޅުން ފޫގޮސް، އާސާރުތައް ވަނީ އެތަނުން ނެރެ، އެހެންތަނަކަށް ބަދަލުކޮށްފައި-- ފޮޓޯ/ ހުސައިން ހަސަން | ހަތާވީސް

އަނގޮޅިތީމު ކައުންސިލުން ގެންދަނީ އެކަމުގައި ޓޫރިޒަމް މިނިސްޓްރީއާ ތަކުރާރުކޮށް ވާހަކަ ދައްކަމުންނެވެ. ފޯން ކޯލްތަކާއި އީމެއިލްގެ ޒަރިއްޔާއިން ވެސް އެ ކައުންސިލުގެ ހުށަހެޅުން ވަނީ ޓޫރިޒަމް މިނިސްޓްރީއާ ހިއްސާކޮށްފައެވެ.

"އަޅުގަނޑުމެން އެދިފައި ވާނީ ޓޫރިޒަމް މިނިސްޓްރީއާ ފެނަކައާ އަދި ކައުންސިލާ އެއްކޮށް ވީޑިއޯ ކޮންފަރެންސެއް ބާއްވައިގެން މި މައްސަލައިގެ ހައްލެއް ހޯދުމަށް ޓަކައި މަޝްވަރާކުރުމަށް. އެކަމަކު އަދާ ހަމައަށް ވެސް އެ ބައްދަލުވުން އޮތީ އިންތިޒާމް ނުކުރެވި،" ފައިސަލް ވިދާޅުވި އެވެ.

އިމާރާތް މިހާރު ވެސް ހުރީ ވީރާނާ ވެފައި

ފައިސަލް ވިދާޅުވި ގޮތުގައި ވިޒިޓާސް ސެންޓަރު ރަނގަޅަށް ނުބެލެހެއްޓޭތީ އެތަނަށް މިހާރު ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ.

އެތަނުގެ ފުރާޅު ދުރަށް ނުފެންނާނެހެން، އަސްކަންޏަށް ވުރެ ފާރު އުސްކޮށް ހުންނަ ގޮތަށް ފަރުމާކޮށްފައި ވާއިރު، އަސްކަނީގެ ފެން ބޭރުކުރަން ހުރި ނިޒާމަށް ކުނިއެޅި ބަންދުވުމުގެ ސަބަބުން ސީލިންގަށް ފެން އެޅި ސީލިންގުން ބައެއް އޮތީ ވެއްޓިފައެވެ. ބޭނުން ނުކޮށް ހުންނަ ތަނަކަށް އެނޫން ގޮތް ގޮތުން ލިބޭނެ ގެއްލުންތައް ވެސް އެ އިމާރާތަށް ވަނީ ލިބިފައެވެ.

"އެނގިވަޑައިގަންނަވާނެ، އިމާރާތެއް އަޅާފައި ބޭނުން ނުކޮށް ހުންނަންޏާ ވަރަށް ގިނަ ގޮތް ގޮތުން އެތަނުގެ އެއްޗިހިތައް ހަލާކުވެގެންދާނެ." ފައިސަލް ވިދާޅުވިއެވެ.

ރ. އަނގޮޅިތީމުން ފެނުނު އާސާރުތައް އެ ރަށު ކައުންސިލް އިދާރާގައި: މިތަކެތި ކުރިން ބަހައްޓާފައި ހުރީ ތާރީހު ދައްކައިލަން އެޅި އިމާރާތުގައި-- ފޮޓޯ/ ހުސައިން ހަސަން | ހަތާވީސް

އެގޮތުން ލިބިފައިވާ އަނެއް ގެއްލުމަކީ އެތަނުގެ ބޭރުގައި ލަކުޑިން ހަދާފައިވާ ބައިތައް ފީވާން ފެށުމެވެ. އެއީ ގަވައިދުން ވަރުނިސްލައި، މަރާމާތުކޮށް ނުބަލަހައްޓާތީ ލިބޭ ގެއްލުމެކެވެ.

ވިޒިޓާސް ސެންޓަރަށް ލިބެމުންދާ އެ ގެއްލުންތަކުގެ މައުލޫމާތު އަނގޮޅިތީމު ކައުންސިލުން ވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ދީފައެވެ. މި ރަށަށް ޒިޔާރަތްކުރި ސަރުކާރުގެ ވަފުދުތަކުގެ ބޭފުޅުންނަށް އެ އިމާރާތުގެ ހާލަތު ވަނީ ދައްކަން ވެސް ދައްކައިފައެވެ.

"ނަމަވެސް ހިތާމައަކީ އަދާ ހަމައަށް ވެސް އެތަނަށް އަޅައިނުލެވި، އެތަން އެދަނީ ވީރާނާވަމުން،" ފައިސަލް ވިދާޅުވި އެވެ.

އަނގޮޅިތީމު ވިޒިޓާސް ސެންޓަރު އަޅަން ދައުލަތުން ކުރި ހޭދައަކީ އެ ރަށުގެ އެހެން އެއްވެސް ތަނަކަށް ނުކުރާހާ ބޮޑު ހޭދަ އެކެވެ. ކައުންސިލުން ބުނި ގޮތުގައި އެތަނަށް ދައުލަތުން 3.5 މިލިޔަން ރުފިޔާ މިހާރު ވެސް ވަނީ ހަރަދުކޮށްފައެވެ.

އަނގޮޅިތީމު ކައުންސިލްގެ އުއްމީދަކީ އެ ސެންޓަރުގެ ވަށާފާރުގެ މަސައްކަތް ފެނަކައިން ނިންމައި، ކައުންސިލުގެ ބެލުމުގެ ދަށަށް ގެނައުމެވެ.

އެއީ ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި އޮތް ރ. އަތޮޅަށް ރިޒާޔަތްކުރާ ޓޫރިސްޓުންނަށް، އަނގޮޅިތީމުގެ އާސާރުތައް ފަސޭހައިން ދައްކައިލެވޭނެ ގޮތް އިންތިޒާމު ކުރުމަށެވެ. އެހެނީ އެތައް ހާސް އަހަރެއްވީ އާޓިފެކްޓްތައް މިހާރު ބަހައްޓަން ޖެހިފައި ވަނީ ކައުންސިލްގެ އިދާރާގެ ގުދަނެއްގައެވެ.

މިހާރު ހުރި ހާލަތަށް ދިއުމުގެ ކުރިން، ކައުންސިލާ ވަގުތީ ގޮތުން ހަވާލުކޮށްފައި ހުރި ދުވަސްވަރު އަނގޮޅިތީމު ކައުންސިލުން އެ ސެންޓަރުގެ ބޭނުން ވަރަށް ފުރިހަމައަށް ކުރިއެވެ. ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަން ރ. އަތޮޅުގައި ހިންގި ހަތަރު ހަރަކާތުގެ ތެރެއިން އެއް ހަރަކާތް އެގޮތުން ހިންގީ މި ސެންޓަރުގަ އެވެ.

"އެގޮތުން މިކޮޅުގައި އަޅުގަނޑުމެން ބޭއްވިން ހޭންޑިކްރާފްޓްސް އެގްޒިބިޝަނެއް،"

ރ. އަނގޮޅިތީމުން ފެނުނު އާސާރުތައް އެ ރަށު ކައުންސިލް އިދާރާގައި: މިތަކެތި ކުރިން ބަހައްޓާފައި ހުރީ ތާރީހު ދައްކައިލަން އެޅި އިމާރާތުގައި-- ފޮޓޯ/ ހުސައިން ހަސަން | ހަތާވީސް

ފައިސަލް ވިދާޅުވި ގޮތުގައި އެ އެގްޒިބިޝަން ކުރިއަށް ދިޔަ އިރު، ވިޒިޓާސް ސެންޓަރުގެ އެއް ގެލެރީގައި ބަހައްޓާފައި ހުރި އަނގޮޅިތީމުގެ އާސާރުތައް ވެސް ހުރީ ބަލައިލެވޭ ގޮތަށެވެ. އޭރުގައި ރަށަށް ރިޔާރަތްކުރި ޓޫރިސްޓުންނާއި ސަރުކާރުގެ އިސް ބޭފުޅުންނަށް ވެސް އެހެންވީމާ އެ ތަކެތި ވާނީ ފެނިފަ އެވެ.

އެ ތަކެއްޗަކީ ޓޫރިޒަމްގެ ނަފާ އަނގޮޅިތީމަށް ލިބެން އޮތް ވަސީލަތެއް ކަން އެ އެންމެ ބޭފުޅުން ވެސް ގަބޫލުކުރެއްވިއެވެ.

ނަމަވެސް މި ރީތި މަރުކަޒު، ފެނަކައިގެ ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި އަޅައިނުލެވި ހުރެ މިހިރަ ވީރާނާ ވަނީ އެވެ. މިއީ ވަރަށް އަވަހަށް ފަރުވާ ބޭނުންވާ އިމާރާތެކެވެ. ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ، ދައުލަތުގެ އިމާރާތެކެވެ.