ބްރޯޑްކާސްޓަރުންނާއި ނޫސްމަޖައްލާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ޕީއެންސީގެ މަޖިލިސް މެންބަރަކު އަމިއްލަފުޅު ހައިސިއްޔަތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާ އަށް ފަހު ނިކުމެވަޑައިގަންނަވަނިކޮށް ނޫސްވެރިޔަކު ވަނީ އެ ބިލު މަޖިލީހުން ބޭރު ކުރާނެތޯ ރައީސްގެ އަރިހުން ސުވާލު ކުރައްވާފައެވެ.
"ޔެސް ބޭރު ކުރާނަން. ބޭރު ކުރާނަން. ޔެސް އޮފްކޯޒް،" ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އެ ބިލު ބޭރު ކުރާނެތޯ ސުވާލު ކުރެއްވުމުން ރައީސް ވިދާޅުވިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އުވާލުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރުންގެ މެޖޯރިޓީ އޮންނަ ގޮތަށް ކޮމިޝަނެއް އެކުލަވާލުމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ވަނީ އޭނާގެ އަމިއްލަ ހައިސިއްޔަތުން ބިލެއް މަޖިލީހަށް ހުށަހަޅައިފައެވެ. އެ ބިލާއި ގުޅިގެން ބިލާއި ގުޅިގެން މީޑިއާތަކާއި ނޫސްވެރިން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
އަދި އެ ބިލާ ދެކޮޅަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން އިސް ނަގައިގެން ކެމްޕެއިނެއް ވެސް ވަނީ ފަށައިފައެވެ.
ބިލާ ދެކޮޅަށް އެމްޖޭއޭ ފެށި ހަރަކާތަށް ދީފައިވާ ނަމަކީ "ހަތަރެއްގެ ހައްގުގައި" އެވެ. އެ ނަމުގެ މާނައަކީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަކީ ނޫސްވެރިކަން ކަމަށާއި ނޫސްވެރިކަމުގެ ހައްގުގައި މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވަނީ އެ ބިލު ހުށަހެޅުމާއި ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުންފާޅު ކުރަމުން ދާތީ މިމަހުގެ 13ވަނަ ދުވަހު އެކްސްގައި ޕޯސްޓެއް ވެސް ކުރައްވައިފައެވެ. ވިދާޅުވީ ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ވެސް ރައީސް އެކަމަށް އަލިއަޅުވާލައްވާ ވާހަކަދެއްކެވިއެވެ.
"މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލަކީ އަޅުގަނޑު ގަބޫލުކުރާ ސިޔާސަތުތަކެއް ހުރި ބިލެއް ނޫން. އަޅުގަނޑެއް ނޫޅެން މީޑިއާތައް ކޮންޓްރޯލް ކުރާ ހިތަކުންނެއް. އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން. އަޅުގަނޑު ބޭނުންވަނީ މިހާރަށް ވުރެ ވެސް ބޮޑަށް މީޑިއާތަކަށް މިނިވަންކަން ދޭން," ރައީސް މުއިއްޒު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ