ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރިގެން ދިޔައިރު، އެންމެ ބޮޑަށް ކުރިމަތިވި މައްސަލަ އަކީ ދަރަނީގެ މައްސަލަ ކަމަށާއި އެހެންނަމަވެސް އެކަން ހައްލު ކުރުމަށްޓަކައި ރައީސް އެޅުއްވި އަދި މިހާރުވެސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ނާއިބު ރައީސް ހުސައިން ވިދާޅުވީ ރައީސްގެ ހާރިޖީ ސިޔާސަތުގެ ތެރެއިން ދަރަނި ދައްކަން ހުރި ގައުމުތަކާއެކު މަޝްވަރާ ކުރެވި، އެ ދަރަނިތައް އަދާ ކުރުމަށް ރާއްޖެ އަށް ލުއިތަކެއް ލިބެމުން އަންނަ ކަމަށެވެ.
ނާއިބު ރައީސް ފާހަގަކުރެއްވީ މިފަދަ ކާމިޔާބީތައް ލިބެމުން ދަނީ ސަރުކާރުން ބައްޓަން ކުރައްވާ ހާރިޖީ ސިޔާސަތުގެ ސަބަބުންނެވެ.
"ދުނިޔެ ގަބޫލުކޮށްފި އަޅުގަނޑުމެންގެ ރައީސްގެ މި ސިޔާސަތުތައް. އެއީ އަޅުގަނޑުމެންނަށް ލިބެމުންދާ އެންމެ ބޮޑު ކާމިޔާބީ. އެ ހުރިހާ ކަމަކުން އަޅުގަނޑުމެން [ރާއްޖެ] ރައްޔިތުންނަށް މަންފާ ކުރާނެ ދެއްތޯ،" ނާއިބު ރައީސް ވިދާޅުވިއެވެ.
ރާއްޖޭން ބޭރުގެ ފަރާތްތަކުން ވެސް ބައްދަލުވާ ގިނަ ފަހަރުތަކުގައި ދައްކަވަމުން ގެންދަވަނީ ރާއްޖެއާ ނުބައްދަލު ސަބްސިޑީ ދެމުން އަންނަ ވާހަކަތަކާއި އަދިވެސް އެނޫން އެހެން ކަންކަން ރާއްޖޭން ކުރަމުން އަންނަ ވާހަކަތައް ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. އެފަދަ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަބަދުވެސް ރާއްޖެ އަށް ލަފާ ދެމުން އަންނަކަން ނާއިބު ރައީސް ހުސައިން ވިދާޅުވިއެވެ.
"މި ބޭފުޅުން [ބައިނަލްއަގުވާމީ މާލީ އިދާރާތައް] ގެ މަޝްވަރާތަކާއި އެއްކޮށް ގައުމު ބައްޓަން ކުރުމުގެ އަސްލު ފުރުސަތު ކޮންމެ ސަރުކާރަކަށް ވެސް ކޮންމެ ވެރިއަކަށް ވެސް ލިބެމުންދޭ. އެހެންނަމަވެސް އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަން ދެއްވާ އެފަދަ ފަންނީ ފަރާތްތަކުގެ ހިޔާލުތަކާއި މަޝްވަރާއާ އެއްކޮށް މި ގައުމު ކުރިޔަށް އޮތް ތަނުގައި ބައްޓަން ކުރަން،" ނާއިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ގައުމުގައި ޒަމާނުއްސުރެ ހުރި ބޮޑެތި އެތައް މައްސަލަތަކެއް ރައީސް މުއިއްޒު ގެންދަވަނީ ހައްލު ކުރައްވަމުންނެވެ.