ރިސޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ބޭރު ފައިސާ ދިވެހި ބޭންކެއް މެދުވެރިކޮށް މާރު ކުރަން ޖެހޭ ގޮތަށް އެމްއެމްއޭ އިން ގެޒެޓު ކުރި ގަވާއިދާއި ގުޅިގެން ވިޔަފާރިވެރިން ފާޅު ކުރައްވަމުން އަންނަ ކަންބޮޑުވުންތައް އަޑު ނާހާ އެކަމަށް ހައްލެއް ހޯދައި ނުދީ ވިޔަފާރިވެރިންނަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުށްވެެރި ކުރާ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.
ޓޫރިޒަމް ދާއިރާ އިން ރާއްޖެއަށް ވަންނަ ބޭރުގެ ފައިސާތައް ރާއްޖޭގެ ބޭންކުތަކަށް ޖަމާކޮށް, މާރުކުރަން ޖެހޭ ގޮތަށް ހެދި ގަވާއިދު ބަދަލު ކުރުމަށް ރާއްޖޭގެ މަޝްހޫރު ބައެއް ރިސޯޓު ހިންގާ ވިޔަފާރިވެރިން ސަރުކާރުގައި އެދިފައެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އެމްއެމްއޭ އިން ގެޒެޓުގައި ބުނެފައި ވަނީ ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކުން ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އަދަދު އެ 87 ދުވަސް ކުރިން ރާއްޖޭގެ ބޭންކަކަށް ޖަމާ ކުރަން ޖެހޭނެ އެވެ.
މީގެ އިތުރުން ޓޫރިޒަމް ދާއިރާއިން ލިބޭ ބޭރު ފައިސާ މާރުކުރަން ޖެހޭނީ ވެސް ބޭންކްތައް މެދުވެރިކޮށެވެ. އެގޮތުން ރިސޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ބޭރު ފައިސާ ދިވެހި ބޭންކެއް މެދުވެރިކޮށް މާރު ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ.
ޑިމޮކްރެޓުން އެކަމާއި ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލު ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިވެރިންނާއި އަދިވެސް އެނޫން މަސްލަހަތުވެރިންނާއި އަދި އެމްއެމްއޭ އަށް ވެސް އެއްބަސްވެވޭނެ ސަބަބުވެރި ހައްލެއް ހޯދުމަކީ ސަރުކާރުން މިވަގުތަށް ކުރަން ޖެހޭ އެންމެ މުހިއްމު ކަންތައް ކަމަށެވެ.
ނަމަވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ވިޔަފާރިވެރިންނަށް އާޑަ ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޑިމޮކްރެޓުންގެ ބަޔާނުގައިވެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ރާއްޖެ އަށް އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް އުނދަގު ވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މިހާރު ކުރިމަތިވެފައި މިވާ އިގްތިސޯދީ ހާލަތަކީ ދައުލަތުގެ ދަރަންޏާ ނުކުޅެދޭ މިންވަރަށް ހިންގުމުގެ ހަރަދުތައް ބޮޑުވުމުގެ ނަތީޖާ ކަމަށްވެސް އެޕާޓީން ބުނެއެވެ.
މީގެއިތުރުން މި ދަނޑިވަޅަކީ ރާއްޖެއާ އެއްފަދަ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ފޯޅަވަހީގެ ރަށްތައް މޮރީޝަސްއަށް ލިބިދާނެ ކަމަށް ބެލެވިފައިވާ ދަނޑިވަޅެއް ކަމަށާއި މިފަދަ ހާލަތެއްގައި އެތައް ބިލިއަން ޑޮލަރެއް ރާއްޖޭގައި އިންވެސްޓު ކޮށްގެން ތިބި އިންވެސްޓަރުންގެ އިތުބާރަށް އަސަރު ކުރާނެ އެއްވެސް ކަމެއް ވިޔަ ނުދީ އެ އިތުބާރު ހިފަހައްޓައް ޖެހޭނެ ކަމަށް ޑިމޮކްރެޓުންގެ ބަޔާނުގައިވެއެވެ.
3000 މީހުންވެސް ހަމަނުވާ ޕާރޓީތަކުން މިކަހަލަ މައްސަލަތަކާ ބެހޭކަށެއް ނުޖެހެއެވެ. ރައްޔިތުންނާ ބެހޭ ވާހަކަ ދައްކަން ހައސިއްޔަތެއް ނެތެވެ.
ކާޅު