ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށާއި އެހެންނަމަވެސް ފާއިތުވެދިޔަ އަހަރެއްހާ ދުވަހު ކުރެވުނު ބުރަ މަސައްކަތްތަކަކަށް ފަހު މިއަދު އެ ހާލަތުން އަރައިގަނެވިފައިވާ ކަމަށާއި އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު ބުންވަރު ހުރި ދިމާލަކަށް ދަތުރު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިރޭ ޕީއެސްއެމް ނިއުސް އިން ވަނީ "ހަފްތާ 52" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ. ސަރުކާރުގެ ހަތަރު ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެ ޕްރޮގްރާމް ޕްރެޒެންޓް ކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދެވެ.

އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވިއިރު އެމަނިކުފާނަށް ކުރިމަތިލެއްވީ ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށެވެ. ގައުމު އެހާ ބޮޑަށް ދަރާފައިވާއިރު ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް ވެސް ވަރަށް ބޮޑަށް ދަރާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން އެތައް ވިޔަފާރިވެރިންތަކަކަށް ގައުމު ދަރާފައިވާ ކަމަށާއި އަދި އެނޫން ވެސް އެތައް ބަޔަކަށް ފައިސާ ދޭން ޖެހިފައި އޮތްކަން ސައީދު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ރިޒާވްގައި ތެޔޮ އަދި އެއްމަސް ދުވަހުގެ ކާޑުވެސް ގަންނާނެ ވަރުވެސް ނެތް. މީގެއިތުރަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 200 އެތައް މިލިއަން ޑޮލަރެއް ހުރި ފަންޑެއް ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރާއި ހަމައަށް ހުސްވެފައި ހުރީ،" ސައީދު ވިދާޅުވިއެވެ.

އެހެންނަމަވެސް ފާއިތުވެދިޔަ 52 ހަފްތާގައި ކުރެވުނު މަސައްކަތުން އެ ހާލަތުން މިއަދު އަރައިގަނެވިފައިވާ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.