ނޫސްތަކާއި މީޑިއާ އެއިރެއްގައި އޮންނަ ސަރުކާރަކުން ކޮންޓްރޯލް ކުރުމަކީ ގަބޫލު ކުރާ ހަމައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އުވާލުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރުންގެ މެޖޯރިޓީ އޮންނަ ގޮތަށް ކޮމިޝަނެއް އެކުލަވާލުމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ބިލާއި ގުޅިގެން މީޑިއާތަކާއި ނޫސްވެރިން ކަންބޮޑުވުންފާޅު ކުރަމުން ދަނިކޮށް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ. އަދި މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ހިލާފި ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ހައްގު އޮންނާނެ ކަމަށް ވިދާޅުވިއެވެ.
ހަންނާން ހުށަހެޅުއްވި ބިލުގައި ހުރި ކަންބޮޑުވުން
- ކޮމިޝަންގައި ހިމެނޭ ހަތް މެމްބަރުންގެ ތެރެއިން، މެޖޯރިޓީ ހަތަރު މެމްބަރުން އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހުން ފާސްކޮށްގެން
- ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް
- މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލު އޮތުން
މި ބިލާއި ގުޅޭ ގޮތުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވީ އެ ބިލާއި މެދު އެޕާޓީން ގޮތެއް ނިންމާނީ ބިލު ރަނގަޅަށް ދިރާސާ ކުރުމަށްފަހު ކަމަށެވެ. އަދި އެ ބިލަކީ ހަންނާނު އަމިއްލަ ހައިސިއްޔަތުން މަޖިލީހަށް ހުށަހެޅުއްވި ބިލެއް ކަމަށެވެ.