ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އުވާލުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރުންގެ މެޖޯރިޓީ އޮންނަ ގޮތަށް ކޮމިޝަނެއް އެކުލަވާލުމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަކީ މިނިވަން ނޫސްވެރިކަމާއި މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ބުނެފިއެވެ.

ހަންނާން ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ބިލުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ވަނީ އިއްވާފައެވެ.

އެ ބިލާ ގުޅޭ ގޮތުން ކަންބޮޑުވުންފާޅުކޮށް، އެމްޖޭއޭއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ސަރުކާރަށް ފާރަވެރިވާން ތިބޭ ބައެއްގެ ކަންކަން ބެލެހެއްޓުމާ ސަރުކާރުން ހަވާލުވުމަކީ ވަރަށް ދެކޮޅު ނުޖެހޭ ކަމެއް ކަމަށެވެ. މީޑިއާތައް ބެލެހެއްޓުމަށް މީގެ ކުރިން ސަރުކާރުގެ ނުފޫޒުފޯރުވި ކޮންމެ ފަހަރަކު މީޑިއާތައް ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިވެ ބައެއް ތަންތަން ބަންދުކުރާ ހިސާބަށް ދިޔަ ކަމަށް އެ ބަޔާނުގައިވެއެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު: މިނިވަން މެމްބަރެއްގެ ގޮތުގައި އިންނެވި ހަންނާން ހުށަހެޅުއްވި ބިލުން ނޫސްވެރިން ޖޫރިމަނާކުރެވޭ-- މަޖިލިސް ފޮޓޯ

މީޑިއާ ރެގިއުލޭޓް ކުރުމަށް ސެލްފް ރެގިއުލޭޓަރީ އުސޫލަކީ އެންމެ ރަނގަޅު ނިޒާމު ކަމަށް ފާހަގަކޮށް، އެމްޖޭއޭގެ ބަޔާނުގައި ބުނެފައި ވަނީ އެ ނިޒާމަކީ ދުނިޔޭގައި ކުރިއަރާފައިވާ ޑިމޮކްރަޓިކް ގިނަ ގައުމުތަކުގައި ވެސް އަމަލު ކުރަމުންދާ ކާމިޔާބު ނިޒާމެއް ކަމަށެވެ. ރާއްޖޭގައި އުފައްދާފައިވާ ބާ ކައުންސިލަކީ ވެސް ކާމިޔާބު ކަމާ އެކު، ހިނގަމުން އަންނަ އެފަދަ މިސާލެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"ނަމަވެސް ނޫސްވެރިކަމާއި މީޑިއާތައް ރެގިއުލޭޓް ކުރަން ސަރުކާރުން ބާރުގެ ދަށަށް ގެނައުމަކީ މި ޖަމްއިއްޔާއިން އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ކަމެއް ނޫނެވެ. އަދި މި ޖަމްއިއްޔާއިން އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެއެވެ،" އެމްޖޭއޭގެ ބަޔާނުގައިވެއެވެ.

ހަންނާން ހުށަހެޅުއްވި ބިލުގައި ހުރި ކަންބޮޑުވުން

  • ކޮމިޝަންގައި ހިމެނޭ ހަތް މެމްބަރުންގެ ތެރެއިން، މެޖޯރިޓީ ހަތަރު މެމްބަރުން އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހުން ފާސްކޮށްގެން
  • ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް
  • މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލު އޮތުން

އެމްޖޭއޭއިން ބުނީ ރާއްޖޭގައި މިހާރު އޮތް މީޑިއާ ސެލްފް ރެގިއުލޭޓަރީ މެކޭނޒަމްގައި މައްސަލަތަކެއް އުޅޭނަމަ، އެކަން ހައްލު ކުރަން ވާނީ އެ ނިޒާމު އެކީ ގެއްލިގެން ނުދާ ގޮތަށް މިހާރު ހުރި އެ ނިޒާމުގެ މައްސަލަތައް ހައްލުވާނޭ ވަށާ ޖެހޭ ގޮތަކަށް ކަމަށެވެ. އެގޮތުން މީޑިއާ ރެގިއުލޭޓް ކުރަން އުފައްދާ އާ ކޮމިޝަންގެ ތިންބައިކުޅަ ދެބައި އޮންނަން ވާނި މީޑިއާގެ އެކި ވަސީލަތްތަކާއި އެޑިޓަރުންނާއި ސީނިއާ އަދި ޖޫނިއާ ނޫސްވެރިންނާއި މީޑީއާތައް އަދި މަދަނީ ޖަމްއިއްޔާތައް ތަމްސީލުވާ ގޮތަކަކަށް ކަމަށް އެމްޖޭއިން ބުންޏެވެ.

"ދައުލަތާއި ސަރުކާރަށް ބާރުވެރިކަން ލިބޭ ގޮތަށް މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނެއް އުކުލަވާލަން މި ޖަމްއިއްޔާއިން އެއްވެސް ގޮތަކަށް ތާއީދެއް ނުކުރާނެއެވެ،" އެމްޖޭއޭގެ ބަޔާނުގައިވެއެވެ.