މިދިޔަ ސެޕްޓެމްބަރު މަހަށްވުރެ ނިމިދިޔަ އޮކްޓޫބަރު މަހު ރަސްމީ ރިޒާވް އިތުރުވެއްޖެއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށާއި އިގްތިސާދީ ހަމަޖެހުމަށް އެހީތެރިވުމުގެ ގޮތުން، އެ އޮތޯރިޓީ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއި ދެމެދު ދާދި ފަހުން ވެވުނު ކަރަންސީ ސްވޮޕް އެރޭންޖްމަންޓްގެ ދަށުން، އެމްއެމްއޭ އަށް 400 މިލިއަން ޔޫއެސް ޑޮލަރު ލިބިފައިވާ ކަމަށެވެ.

އާއްމުކޮށް އެމްއެމްއޭއިން މިފަދަ ފައިސާ ބޭރުގެ ބޭންކުތަކުގައި އިންވެސްޓް ކުރި ނަމަވެސް، އޮކްޓޫބަރު 2024 ގައި އެމްއެމްއޭ އިން ވަނީ 120 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓް ކޮށްފައެވެ.

އެމްއެމްއޭ އިން އެގޮތަށް ނިންމި މައިގަނޑު މަގުސަދަކީ މިއިންވެސްޓްމަންޓުން ލިބޭ ނަފާ ވީހާވެސް ބޮޑުކުރުމާއި މާލީ ދާއިރާގެ ކުރިއެރުމާއި ހަމަޖެހުމަށް މަގުފަހިކޮށް މުޅި އިގްތިސާދަށް ފައިދާވާނެ ގޮތަށް މިކަންކުރުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

"މި ބަދަލުތަކާ އެކު ، ސެޕްޓެމްބަރު 2024 ނިމުނުއިރު އޮފިޝަލް ރިޒާވް އެސެޓްސް 371.2 މިލިއަން ޔޫއެސް ޑޮލަރުގައި ހުރި ނަމަވެސް، އޮކްޓޯބަރު 2024 ނިމުނުއިރު އޮފިޝަލް ރިޒާވް އެސެޓްސް ވަނީ 614.6 މިލިއަން ޔޫއެސް ޑޮލަރަށް އިތުރުވެފައެވެ. މީގެ އިތުރުން މި މުއްދަތުގައި އަދަރ ފޮރިން ކަރަންސީ އެސެޓްސްގެ ގޮތުގައި ހުރީ 122.5 މިލިއަން ޔޫއެސް ޑޮލަރެވެ. މި ދެ ބަޔަކީ ވެސް އެމްއެމްއޭގެ ފޮރިން ކަރަންސީ އެސެޓްގެ ތެރޭގައި ހިމެނޭ ދެބައެވެ" އެމްއެމްއޭ އިން ބުންޏެވެ.

ޔޫސަބަލް ރިޒާވްްގެ ޕްރޮކްސީއެއްގެ ގޮތުގައި "އޮފިޝަލް ރިޒާވް އެސެޓްސް" އާއި "ޕްރީޑިޓާމިންޑް ޝޯޓް ޓާމް ނެޓް ޑްރެއިންސް" އެއްކޮށްގެން އަންނަ އަދަދު ބަލަމުން ދިޔަ ނަމަވެސް، މި ބަދަލާއެކު ޔޫޒަބަލް ރިޒާވްގެ ޕްރޮކްސީ ހިސާބުކުރާނީ "އޮފިޝަލް ރިޒާވް އެސެޓްސް" އާއި "އަދަރ ފޮރިން ކަރަންސީ އެސެޓްސް" އަދި "ޕްރީޑިޓާމިންޑް ޝޯޓް ޓާމް ނެޓް ޑްރެއިންސް" ހިމަނައިގެންނެވެ.