ފަލަސްތީނުގެ ބިމަށް ވެރިވެގަނެ، އެ ގައުމުގެ މީހުން މަރައި، ގަތުލްއާންމު ހިންގަމުންދާ އަނިޔާވެރި ޔަހޫދީ ދައުލަތް، އިޒުރޭލުގެ މީހުން ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓް މަނާކުރަން ހުށަހެޅި ބިލު އަނެއްކާވެސް "ޕާކު"ކޮށްލައިފިއެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގައި އެ ބިލު "ޕާކުކޮށްފައި" އޮންނަތާ 155 ދުވަސް ފަހުން މިއަދު ވަނީ އެ ބިލުގެ މަސައްކަތް ނިންމާނެ ދުވަހެއް ކޮމެޓީން ކަނޑައަޅާފައެވެ.

އެ ބިލުގެ މަސައްކަތް ކުރަމުންދަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ންނެވެ. އެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން ވިދާޅުވީ އިޒުރޭލު ޕާސްޕޯޓް މަނާކުރުމަކީ "ވަރަށް ހައްސާސީ ކަމެއް" ކަމަށާއި އެކަމުގައި މަޝްވަރާ ކުރަންޖެހޭ ގިނަ ބަޔަކު ތިބި ކަމަށެވެ.

އިޒުރޭލު ޕާސްޕޯޓް ރާއްޖޭގައި މަނާކުރުމުގެ ބިލުގެ މަސައްކަތް ކުރާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން— ފޮަޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާތީ އާއެކު، އެ ބިލުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކުރުމަށް އޭނާ ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް ތާއިދު ކުރައްވައި މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ އިގްތިސާދީ ގޮތުން މިފަދަ ދަތި ދަނޑިވަޅެއްގައި އިޒުރޭލު ޕާސްޕޯޓް މަނާކުރުމަކީ ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.

މިއަދު ބޭއްވި ކޮމެޓީގައި އެ ބިލުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީއަށް ނިންމަން ފާސްކުރީ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި، މަޖިލިސް ޗުއްޓީއަށް ދާނީ ޑިސެންބަރު މަހުގައެވެ. އަދި މަޖިލިސް އަލުން ހުޅުވާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

އިޒުރޭލު ޕާސްޕޯޓް މަނާކުރާ ބިލު މަޖިލީހަށް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ. އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭނެކަން ކަށަވަރު ކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އޭނާ ހުށަހެޅުއްވި އިސްލާހު ދިރާސާ ކުރަމުންދަނީ ޕީއެންސީގެ މެޖޯރިޓީ އޮތް 13 މެމްބަރުންގެ 241 ކޮމެޓީންނެވެ. އެ ކޮމެޓީގެ އަށް މެމްބަރުންނަކީ ޕީއެންސީގެ މެމްބަރުންނެވެ. އެ ކޮމެޓީގެ މުގައްރިރަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)އެވެ.

އެ ބިލު މަޖިލީހުގައި ލަސްވެފައި އޮންނާތީ، ސަރުކާރު ހިންގާ ޕީއެންސީން ވެސް ކަންބޮޑުވުންފާޅުކޮށް ބަޔާނެއް ނެރުނެއެވެ. ނަމަވެސް އެ ގޮވާލުމަށް މަޖިލީހުގައި ތިއްބެވި މެމްބަރުން އިޖާބައެއް ނުދެއްވައެވެ.