ވެރިކަން ކުރެއްވުމުގައި ގައިޑެއްގެ ގޮތުގައި ބައްލަވަނީ ބައްޕާފުޅު އަލްމަރުހޫމް ޝައިހް ހުސައިން އަބްދުއްރައްމާން ލިޔުއްވާފައިވާ "ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު، އަދި ކިޔަމަންވުމުގެ މަފްހޫމް" އެ ފޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއަދާ ހަމައަށްވެސް ބަލަމުން އައީ ބައްޕާފުޅު ލިޔުއްވާފައިވާ އެ ފޮތުގައިވާ ވާހަކަތަކުގެ މައްޗަށް ކަމަށެވެ. އެ ފޮތުގައި ވެރިކަމުގެ ކަންކަން ވަރަށް ސާފުކޮށް ލިޔެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުގެ ބައްޕަ މި ފޮތް ލިޔުއްވީމައެއް ނޫން. އެހެންނަމަވެސް މިފޮތް ބައްލަވާފައިވާ ކިޔުއްވާފައިވާ ކޮންމެ ބޭފުޅަކުވެސް ގަބޫލުފުޅު ކުރައްވާނެ މިފޮތަކީ ވެރިކަމާ ގުޅޭ ގޮތުން، ރައްޔިތުންނާއި ވެރިންނާ އޮތް ގުޅުމާއި ބެހޭ ގޮތުން މަސްއޫލިއްޔަތު ވެރިން އަދާކުރަން ޖެހޭ ގޮތާއި ބެހޭ ގޮތުން އިލްމީ ނަޒަރަކުން ދީނީ ނަޒަރަކުން އިސްލާމީ ތާރީހުގެ އަލީގައި އަދި ރާއްޖޭގެ ގާނޫނާ ގާނޫނުއަސާސީ އަށް ރިއާޔަތްކޮށް ވަރަށް އިލްމީ ގޮތެއްގައި ވަށާޖެހޭ ގޮތެއްގައި ލިޔުއްވާފައިވާ ފޮތެއް،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެ ފޮތުގެ ފިހުރިސްތުގައިވާ ބައެއް ނުކުތާތައް ފާހަގަކުރެއްވިއެވެ.
"އާދެ... އަޅުގަނޑުގެ ގައިޑަކީ، ގައިޑް ބުކްއަކީ މިފޮތް. އަޅުގަނޑު މިއަދާ ހަމައަށްވެސް ބަލަމުން އައީ މިފޮތް [އަތްޕުޅުގައި އޮތް ފޮތް ދައްކާލައްވާ]،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކަމަށެވެ. އެގޮތުން ގިނަ ދުވަސްވެފައި ހުރި ގިނަ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެތެރޭގައި ރައީސް ފާހަގަކުރެއްވީ މަސްތުވާތަކެއްޗާއި ގޭންގު މާރާމާރީއާ އަދި ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތްތަކެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތުގައި ދިވެހި ރައްޔިތުން އެމަނިކުފާނާއި ސަރުކާރާއެކު ތިއްބަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.