މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުކަމުގައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން އެ މަސައްކަތް ފަށައިފިއެވެ.

ފުށިދިއްގަރުފަޅު ހިއްކުމަށްފަހު "ރަސްމާލެ"ގެ ނަމުގައި އެތަން ތަރައްގީކޮށް އެތަނުގައި މީހުން އާބާދުކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.

އެ މަޝްރޫއުގެ އަމަލީ ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އެ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައި ވަނީ އެ މަސައްކަތް މެދުނުކެނޑި އަށް މަސްދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށެވެ. ރައީސް އޭރު ވިދާޅުވި މުއްދަތު މިދިޔަ އޮކްޓޫބަރު މަހުގެ 18 އަށް ވަނީ ހަމަވެފައެވެ.

އެ މަޝްރޫއު ކުރިން ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާއެވެ. ސީއެމްސީސީ ކުންފުންޏާ ހަވާލުކޮށްގެން ކުރިން އެ މަސައްކަތް ކުރިއަށްގެން ދިޔައީ ރަސްމާލެއިންނާއި ހުޅުމާލެއިން އެ ކުންފުންޏަށް ހިލޭ ބިން ދޭގޮތަށެވެ.

ނަމަވެސް އެ އުސޫލުގެ ދަށުން އެ ކުންފުންޏަށް އެކަން ނުކުރެވުނު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއު އަލުން ފެށުން: ފޮޓޯ | އެޗްޑީސީ

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ރަސްމާލެއިން ބިން ދޭ ގޮތަށް، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމުނުދާ ކަމަށެވެ. އެހެންވެ، އެ މަސައްކަތް ހަވާލުކޮށްފައިވާ ސީއެމްސީސީ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލޭގެ 1100 ހެކްޓަރުގެ ބިން އެކި ކުންފުނިތަކާ ހަވާލުކޮށްގެން ހިއްކުމުގެ މަސައްކަތް އެޗްޑީސީއާއި މީޓް ފްރީ ޒޯން ދެ ކުންފުނި ގުޅިގެން ފަށާފައިވާކަން އެރޭ ރައީސް ވިދާޅުވިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިއަދު ބުނީ ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް އެކުންފުނިން ހާމަ ކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ އެހެން ރަށްރަށުން ފުށިދިއްގަރުފަޅަށް ހިޖުރަކޮށް، ގޯތި ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން ގޯއްޗާއި ފްލެޓު ހިމެނޭހެން އެތަނުގައި 65،000 ހައުސިން ޔުނިޓު އަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.