ރަނގަޅު ނަތީޖާ ނުލިބި ވަޒީފާއެއް ނެތިފައިވާ ދަރިވަރުން ސިފައިން ނުވަތަ ފުލުހުންގެ ވަޒީފާއަށް ވަންނަން ލާޒިމްކުރަން ނިންމާފައިވާ ނިންމުމަށް އެމްޑީޕީގެ ރައީސް ޝާހިދު ފާޑު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތަށް އިތުރު 1000 ފުލުހުން ބޭނުންވާއިރު, އެކަށީގެންވާ ނަތީޖާއެއް ސްކޫލްތަކުގައި ނުލިބޭތީ މަގުމަތިވެފައި ތިބި އެތައް ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށެވެ. އެހެންވެ, އެފަދަ މީހުން ސިފައިން ނުވަތަ ފުލުހުންގެ ވަޒީފާއަށް ވަންނަން މަޖުބޫރުވާ ގޮތަށް ނޭޝަނަލް ސާވިސްގެ ޕްރޮގްރާމް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމަށް ފާޑު ވިދާޅުވެ ޝާހިދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަލާމަތީ ޚިދްމަތްތައް ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ކުރިޔަށް ގެންދެވޭނީ އިލްމީ ގާބިލް ޒުވާނުންނަށްވެސް އެ ހިދުމަތް ކުރުމަށް ފުރުސަތު ލިބިގެން ކަމަށެވެ.

‏އޯލެވެލް ގައި ރަނގަޅު ނަތީޖާއެއް ހާސިލު ނުވާ ކުދިންނަށް އެކުއްޖެއްގެ ޝައުގުވެރިކަން ހުރި ދާއިރާ އަކުން އިތުރު ތަމުރީނާއި ހުނަރުތައް ލިބޭނޭމަގު ފަހިކޮށްދީ ގައުމުގެ ތަރައްގީގައި ބައިވެރިވެ ޝާމިލުވެވޭ ގޮތަށް ޖާގަ އޮތުމަކީ އެފަދަ ޒުވާނުންގެ އުންމީދުތަކުގައި ހަގީގީ ކުލަޖެހިގެންދާނޭ މަގެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަދި ރާއްޖޭގެ އަދުގެ ހަގީގީ ހާލަތަކީ އެއްވެސް މަޖުބޫރުކަމެެއްނެތި ސަލާމަތީ ހިދްމަތްތަކުން ފުރުސަތަށް އެދި އެތަށް ހާސް ޒުވާނުނެއް ވަޒީފާއަކަށް އެދި އެދި ތިބިކަން،" ޝާހިދު ވިދާޅުވިއެވެ.

ވަކި ދާއިރާއަކުން ހިދުމަތް ކުރަން މަޖުބޫރުކުރުމަކީ ޑިމޮކްރަޓިކް ނިޒާމާއި ބީރައްޓެހި ގޮތެއް ކަމަށް ވެސް ޝާހިދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

‏އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އޮތް ރަނގަޅު ގޮތަކީ ޒުވާނުނުންގެ ހުނަރުތައް ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ނޭޝަނަލް ސާވިސް ޕްރޮގްރާމް ރައީސް އިއުލާން ކުރެއްވިއިރު އެފަދަ ޕްރޮގްރާމެއް އެންމެ ފަހުން ހިންގީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.