އެގާރަވަނަ ނޫސްވެރިކަމުގެ އެވޯޑު ހަފްލާގައި "އޯޑިއޯ ވީޑިއޯ" ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު ދީފައިވާ "އަދަދު" ނޫހުގެ ޑޮކިއުމަންޓްރީ އަށް އެވޯޑު ދީފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެވޯޑު ދިނުމުގެ އުސޫލާއި މަގުސަދުތަކާ ހިލާފަށް ކަމަށް އެވޯޑްތަކަށް އިންސާފު ކޮށްދިން ފަނޑިޔާރުންގެ ޕެނަލުން ވިދާޅުވެއްޖެއެވެ.
އެ ދާއިރާ އިން އެވޯޑު ލިބިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، "ޖީ ސްކީލާން" ކިޔައިދިން ވާހަކަތަކުގެ މައްޗަށް "އަދަދު" ނޫހުން ތައްޔާރުކުރި ތަހުގީގީ ޑޮކިއުމެންޓްރީއަށެވެ. ނަމަވެސް އެ ޑޮކިއުމަންޓްރީ އަށް އެވޯޑު ދީފައި ވަނީ އުސޫލާ ހިލާފަށްކަން ފާހަގަކޮށް އެވޯޑުތަކަށް އިންސާފުކުރި ހަ ފަނޑިޔާރުން ސޮއިކޮށް މިރޭ ވަނީ ބަޔާނެއް ނެރެފައެވެ.
އެވޯޑަށް އިންސާފުކޮށްދިން ފަނޑިޔާރުން:
- ހޯރަފުށި މުހައްމަދު ސަލީމް
- ޝަމްއާން ޝާކިރު
- ހަސަން އާމިރު
- ފާތިމަތު އަޝްމާ ފަހީމް
- ނައީމް އިބްރާހިމް
- އަޒްމީން
މި ބޭފުޅުން ނެރެފައިވާ ބަޔާނުގައި ވަނީ އެ ޑޮކިއުމަންޓްރީ އުސޫލާ ހިލާފަށް އެވޯޑު ދީފައިވާ ސަބަބުތައް ހިއްސާ ކުރައްވައިފައެވެ.
ފުރަތަމަ ކަމަކަށް ވިދާޅުވެފައި ވަނީ އެ ޑޮކިއުމެންޓްރީއަކީ ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑުގައި ބަޔާންކުރާ އުސޫލުތަކަށް ބެލުމެއް ނެތި އާންމު ކޮށްފައިވާ ޑޮކިއުމެންޓްރީއެއްކަން އެމްއެމްސީ އަށް ފާހަގަވެގެން އެކަން އެ ގޮތަށް ނުކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ގައި ނޫސްބަޔާނެއް ނެރެފައިވުމެވެ.
އެކަން އެގޮތަށް އެމްއެމްސީން ކުރުމަށްފަހު، އެ ޑޮކިއުމަންޓްރީ ބަލައިގެން ސަބަބާއި މެދު ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ބަޔާނުގައި އޯޑިއޯ، ވީޑިއޯ ދާއިރާ އިން ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑަށް އިންސާފު ކުރުމަށް ފަނޑިޔާރުންނަށް ދީފައިވާ ރުބްރިކްގައި ތަހުގީގީ ނަޒަރަކުން އުފެއްދުމަށް އިންސާފު ކުރެވޭނެ ގޮތް ވަރަށް ބޮޑަށް ހަނިކޮށްފައި އޮތްކަން ފާހަގަކުރެއްވިއެވެ.
އަދި ރުބްރިކްގައި 80 ޕަސެންޓް ފަރުމާ ކޮށްފައި އޮތީ ވީޑިއޯ އުފެއްދުމުގެ ޓެކްނިކަލް ކޮލިޓީސްތަކަށް މާކްސް ދޭން ޖެހޭ ގޮތަށް ކަމަށާއި އެހެންކަމުން ތަހުގީގީ ނޫސްވެރިކަމުގެ ނަޒަރިއްޔާތަކުން މާކްސް ދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން އެވޯޑަށް ހުށަހަޅާފައިވާ ހުރިހާ އުފެއްދުންތަކާއި އެވޯޑްސްގެ ޖުމުލަ އަދަދު ފަނޑިޔާރުންގެ ޕެނަލާ ވެސް ހިއްސާކޮށްފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
އަދި މީގެ ކުރީ އަހަރުތަކުގައި ފަނޑިޔާރުންގެ ނިންމުންތައް ކައުންސިލާ ހަވާލުކުރުމުގެ ބަދަލުގައި، މާކްސް ނިމުމުން ހަވާލުކުރަނީ ސިޓީ އުރައިގައި ބަންދުކޮށް، ސީލްކޮށް އެކަމަށް ކަނޑައަޅާފައިވާ އޮޑިޓް ފާމަށް ކަމަށާއި ނަމަވެސް މި ފަހަރު އެއިން އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށް ފަނޑިޔާރުންގެ ޕެނަލުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.