ކުރީގެ ނައިބު ރައީސް ޖިހާދުގެ މައްޗަށް ދައުވާކުރާ މައްސަލަ ހައިކޯޓުން ދެވަނަ ބޭރުކޮށްލުމުން އެ މައްސަލަ ރިވިއު ކުރަން ހުށަހަޅަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު، ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޖިހާދުގެ މައްޗަށް ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ.
އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ފޮނުވާލަން ހައި ކޯޓުން ދެ ފަހަރެއްގެ މަތިން ވަނީ ނިންމައިފަ އެވެ.
ކުރިން އެ މައްސަލަ އަނބުރާ ފޮނުވާލީ ޖިހާދު މިހާރު ދިރިއުޅުއްވާ އެޑްރެސް ސާފު ނުވުމުންނެވެ.
އެހެންވެ، ދެވަނަ ފަހަރަށް ދައުލަތުން އެ މައްސަލަ ހުށަހެޅީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ނަމަވެސް، ހައި ކޯޓުން މިދިޔަ ހަފުތާގައި ނިންމީ އެ މައްސަލަ އަލުން ހުށަހަޅަން ދިން މުއްދަތު މި މަހުގެ 13 ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށެވެ. އަދި ދައުލަތުން އެ މައްސަލަ އަލުން ހުށަހެޅީ މުއްދަތު ހަމަވިތާ ދެ ދުވަސް ފަހުން ކަމަށްވާތީ އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ރަޖިސްޓްރާގެ ނިންމެވުމުގައިވެ އެވެ.
އެ ނިންމުން ރިވިއުކޮށްދޭން އެދި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅަން ދައުލަތުން ވަނީ ނިންމައިފަ އެވެ.
ޕީޖީން ހައި ކޯޓުގައި އެދެނީ އެ މައްސަލަ ދަށު ކޯޓުން އަލުން ބަލަން އަމުރުކޮށް ދިނުމަށެވެ.