މަލްޓިލޭޓަރަލިޒަމް އާއި، މަޝްވަރާ އާއި އެއްބައިވަންތަކަން ކުރިއަށް ނެރެން ޖެހޭކަމަށް އެކުވެރި ދައުލަތް (އދ)އަށް 79 އަހަރު ފުރުމުގެ މުސާބަތުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދގެ ޢާއްމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ 'ޔޫ.އެން ޑޭ' ގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ. ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވި މެސެޖްގައި ޝާހިދު ވިދާޅުވީ ބޮޑެތި ގައުމުތަކާއެކު ކުޑަ ގައުމުތަކުން ވެސް މި ޒިންމާ އަދާކުރަން ޖެހޭ ކަމަށާއި، ރާއްޖެއިން އެކަން ސާބިތު ކޮށްދީފައިވާ ކަމަށެވެ.
ރާއްޖެއަކީ އަބަދުވެސް މަލްޓިލޭޓަރަލިޒަމް ގަބޫލުކުރާ އަދި އދގެ މުހިއްމުކަން ގަބޫލުކުރާ ގައުމެއްކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން 1965 ވަނަ އަހަރުގެ ޖުލައި 26 ގައި މިނިވަންކަން ލިބުމަށްފަހު ޚާރިޖީ ސިޔާސަތުގެ ފުރަތަމަ ނިންމުމަކަށް ދިވެހިރާއްޖެއިން ނިންމީ އދގެ މެމްބަރުކަން ހޯދަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޔޫ.އެން ޑޭ ފާހަގަކުރަނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ ސެން ފްރެންސިސްކޯގައި އެކުވެރި ދައުލަތްތައް – ޔުނައިޓެޑް ނޭޝަންސް – އުފެއްދުމަށް ގައުމުތަކުން އެއްބަސްވެ، ސޮއިކުރި ކުރުން ފާހަގަކުރުމަށެވެ.
ޝާހިދުގެ މެސެޖްގައި ވިދާޅުވީ އދގެ ޗާޓަރަށް އަމަލުކުރަން ފެށިތާ އަށް ދަހަރު ވުން ފާހަގަކުރާއިރު، އެ ޗާޓަރުގެ އަސާސްތަކާއި ހަމަތައް ނެގެހެއްޓުން އިހުނަށްވުރެ މިހާރު މުހިއްމުވެފައިވާ ކަމަށެވެ. އަދި މަލްޓިލޭޓަރަލިޒަމްއާއި، މަޝްވަރާ އާއި އެއްބައިވަންތަކަން ކުރިއަށް ނެރެން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިއަދު ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް – ތިމާވެށީގެ މައްސަލަތަކާއި، ފަގީރުކަމާއި، ގަތުލުއާއްމުތައް ފަދަ މައްސަލަތައް – ހައްލުކުރުމުގައި އދގެ ދައުރު މުހިއްމުވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ދުވަސްތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ އދ އަކީ އޭގެ އުނިކަންތަކާއި މައްސަލަތަކާއެކުވެސް އަދިވެސް މުހިއްމު އަދި އޭގެ ބޭނުން ހިފަން ޖެހޭ ޖަމްއިއްޔާއެއްކަމަށެވެ.