ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވާ ގޮތަށް މަޖިލީހުގެ ނިންމުންތައް ބަދަލު ކުރަމުންދާ ކަަމަށް ބުނެ، މަޖިލީހަކީ ރައީސް އޮފީހުގެ ޑެސްކަކަށް ބަދަލުވެެއްޖެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ވިދާޅުވެއްޖެއެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ސިޔާސީ މަގާމުތަކަށް ރައީސް ޑރ. މުއިއްޒު އައްޔަން ކުރައްވާފައިވާ އަދަދު ހާމަކުރުމަށް ގޮވާލައި، މަޖިލީހަށް މިއަދު ހުށަހެޅި ގަރާރު ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ބޭރުކޮށްލުމަކީ ޑިމޮކްރަޓިކް ނިޒާމު ހިންގުމަށް މަޖިލިސް ހުރަސް އެޅުން ކަމަށެވެ.

ރައްޔިތުންގެ ޓެކްސް ފައިސާއިން ސިޔާސީ މީހުންނަށް ކުރަމުންދާ ހަރަދު ހާމަކުރަންޖެހޭނެ ކަމަށް ވިދާޅުވެ، މީކާއިލް ވިދާޅުވީ ހަރަދު ކުޑަކުރުމަށް ސިޔާސީ މަގާމުތަކުގައި ތިބި 228 މީހަކު ވަކިކުރާ ވާހަކަ ދައްކާއިރު، އިއްޔެ ވެސް މިނިސްޓްރީތަކަށް މީހުން އައްޔަން ކުރި ސިޓީ އާންމުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި [ސިޔާސީ މަގާމުތަކުގެ] ޖުމްލަ އަދަދު ސާފުވާ ގޮތެއް އެއްވެސް ގޮތަކަށް ނުވިސްނޭ. ޖުމްލަ އަދަދު މިހާ ބޮޑަށް ސިއްރު ކުރެވިގެން، ފޮރުވައިގެން ގެންގުޅޭ ސަބަބު ސަރުކާރުން ސާފުކޮށްދޭންޖެހޭ. މިއީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ހަރަދު، މިއީކީ ދިމްޔާތުން ނެރޭ ފައިސާއެއް ނޫން،" މީކާއިލް ވިދާޅުވިއެވެ.

ޕީއެންސީގެ ރަބާ ސްޓޭންޕަކަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވެ، މީކާއިލް ވިދާޅުވީ ރައީސް އެންގަވާ ގޮތަކަށް މަޖިލިސް އޮޕަރޭޓް ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

"ހެނދުނު ކޮމެޓީއެއް ބާއްވާފައި އިއްޒަތްތެރި ރައީސް ދިރިއުޅުއްވާ މުރައިދޫގޭގެ ތަފްސީލުތައް ހާމަނުކުރާން ނިންމެވީމާ، އޭގެ ދެ ގަޑިއިރު ފަހުން އަނެއްކާ ރައީސް މުއިއްޒު ގުޅުއްވާފައި ޕީއެންސީގެ މެމްބަރުންގެ އަރިހުން އަނެއްކާވެސް އެ ކޮމެޓީ ހަމަ ބާއްވާފައި އޭގެ ދެ ގަޑިއިރު ކުރިން ނިންމި ނިންމުން ބަދަލު ކުރަން އެންގީމާ، މި މަޖިލިސް ކުޑަވެފައިވާ މިންވަރު، ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ޑެސްކަކަށް މި މަޖިލިސް ބަދަލުވެފައިވާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު މީކާއިލް ވިދާޅުވިއެވެ.