ރާއްޖޭގައި ތެލެއް ގޭހެއް ނެތެވެ. އެހެން ނަމަވެސް ހަކަތައިގެ މުހިއްމު ވަސީލަތެއްގެ މުއްސަނދިކަން މިތަނުގައި އެބަ އޮތެވެ. އެއީ އަހަރުގެ ބޮޑު ބައިގައި މި ރަށްތަކަށް މިހިރަ ދޭ ގަދަ އަތްވެވެ. އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ތެރެއިން މުޅި ދުނިޔޭގައި ވެސް ދެވަނައަށް އެންމެ ރަނގަޅު ވަސީލަތް ކަމަށް ބަލާ އަތްވެވެ.
އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދިރިއުޅޭ މާލެ ސަރަހައްދު ހިމެނޭ ގޮތުން ޖުމްލަ 35 ރަށަކަށް ކަރަންޓުދޭ ސްޓެލްކޯ އިން އަންނަނީ ރާއްޖެއިން ލިބެން އޮތް މި ވަސީލަތުގެ ބޭނުން ފުޅާ ދާއިރާއެއްގައިކޮށް، ރާއްޖެއިން ކޮންމެ މަހަކު ތެލަށް ހަރަދުކުރާ އެތައް މިލިޔަން ޑޮލަރެއްގެ ތެރެއިން ބައެއް ސަލާމަތް ކުރަމުންނެވެ. "ރިނިއުއަބަލް އެނަރޖީ ޑިޕާޓްމަންޓް"ގެ ނަމުގައި އެ ކުންފުނީގާއި ވަކި ޑިޕާޓްމަންޓެއް އުފެއްދީ ކަރަންޓް އުފެއްދުމުގައި އިޔާދަކުރަނިވި ހަކަތައިގެ ހިއްސާ އިތުރުކޮށް، އިޔާދަކުރަނިވި ހަކަތައަށް ޕްރޮޖެކްޓްތަކާއި، މުވައްޒަފުންނާއި މާލީ އަދި ޓެކްނިކަލް ވަޞީލަތްތައް ޚާއްސަކުރުމުގެ ބޭނުމުގައެވެ.
އިއާދަކުރަނިވި ހަކަތައިގެ ފައިދާ އެންމެ ފުރިހަމައަށް ނެގުމަށްޓަކައި، އެ ޑިޕާޓްމަންޓުން ކުރާ މަސައްކަތުގެ ފުރަތަމަ އަމާޒަކަށް ހެދީ ސްޓެލްކޯގެ މައި އިމާރާތާއި ސްޓެލްކޯއިން މާލެ ސަރަޙައްދާއި ރަށްރަށުގައި ހިންގާ ހުރިހާ އިންޖީނުގެތަކެއްގެ ފުރާޅުގައި ސޯލާ ޕެނަލް ޖެހުމެވެ. އެ ކުންފުނިން މިހާރު ވަނީ އެ އަމާޒަށް ވާޞިލްވެފައެވެ.
ސްޓެލްކޯގެ ރިނިއުއަބަލް އެނަރޖީ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ނިޡާމް "ހަތާވީސް"އަށް ވިދާޅުވި ސްޓެލްކޯއިން ހިންގާ ހުރިހާ އިންޖީނުގެތަކެއްގެ ފުރާޅުތަކުގައި ސޯލާ ޕެނަލް ޖަހާފައިވާ ކަމަށެވެ. އެހެން ނަމަވެސް ހަމައެކަނި އިންޖީނުގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ޖަހައިގެން އެންމެ އެދެވޭ މިންވަރަކަށް ކަރަންޓެއް ނުއުފެއްދެއެވެ. އެހެންކަމުން އާންމުންނަށް ބައިވެރިވެވޭ ގޮތަށް ސްޓެލްކޯއިން މިހާރު ވަނީ ޕްރޮގްރާމެއް ފަށާފައެވެ. އެ ޕްރޮގްރާމްގެ ބޭނުމަކީ ގޭގޭގެ ފުރާޅުގައި ސޯލާ ޕެނަލް ޖަހައިގެން ކަރަންޓް އުފައްދައި، އެ ކަރަންޓު ސްޓެލްކޯގެ ގްރިޑަށް ވެއްދުމެވެ. އެގޮތަށް އުފައްދާ ކަރަންޓު ސީދާ އެ ގެއަކަށް ބޭނުން ނުކުރި ނަމަވެސް ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްފައި ހުންނާތީ ސްޓެލްކޯއިން އެ ގެއަކަށް ކުލި ދައްކާނެއެވެ.
"ސްޓެލްކޯއިން ހަރަދުކޮށްގެން، ހުރިހާ ކަމެއް ކުރާނީ ސްޓެލްކޯ އިން، ހަމަ އެކަނި އެ ފުރާޅު ކުއްޔަށް އެ ދެވެނީ އަސްލު. ދެން ސްޓެލްކޯ އިން ގޮސް ސޯލާ ޕެނަލް ޖަހާފައި، އެ ޖަހާ ފުރާޅެއްގެ ކުޑަބޮޑު މިން ވެސް ބަލާފައި، ޖަހާ ކޮންމެ ކިލޯވޮޓަކަށް މި އޮންނަނީ ވަކި ރޭޓެއް ކަނޑައެޅިފައި،" އެ ޕްރޮގްރާމްގައި ކަސްޓަމަރުންނަށް އާމްދަނީ ލިބޭ ގޮތުގެ ތަފްސީލު ދެއްވަމުން ނިޡާމް ވިދާޅުވިއެވެ.
އާންމުންގެ ގެތަކުގެ ފުރާޅުގައި ސޯލާ ހަރުކުރުމުގެ އެ ޕްރޮގްރާމްގައި ސްޓެލްކޯއިން ފައިސާ ދޭ ރޭޓްތައް އެ ކުންފުނީގެ ވެބްސައިޓްގައި ވަނީ އާއްމުކޮށްފައެވެ. އެ ޕްރޮގްރާމްގައި ބައިވެރިވާން އެދޭ މީހުންނަށް ބޭނުންވާނެ އެހެން ތަފްސީލު މައުލޫމާތުތައް ވެސް ވަނީ އާއްމުކޮށްފައެވެ. ގެބީސީތަކުގެ ފުރާޅުތަކުގައި ޖަހާ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު ވެސް ވަންނާނީ ސްޓެލްކޯގެ ގްރިޑަށެވެ. މީގެ ސަބަބުން އެކުންފުނިން ތެލަށް ކުރަންޖެހޭ ހަރަދަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދެއެވެ.
އެހެން ނަމަވެސް އެކަމުގައި މިވަގުތު އޮތް ގޮންޖެހުމަކީ ރަށްރަށުގައި ކަރަންޓް ލޯޑު ބޭނުންކުރާ ނިސްބަތެއްގެ 30 ޕަސެންޓާ ހަމައަށް، ސޯލާ ހަކަތަ ލިމިޓްކުރަން ޖެހުމެވެ. އެއަށް ވުރެ މަތީ މިންވަރަކަށް ސޯލާ ކަރަންޓް އުފައްދާ ނަމަ ކުއްލިއަކަށް ވިލާގަނޑެއް އަރައި ނުވަތަ ވިއްސާރަ ވުމާއެކު ޖަނަރޭޓަރުން އުފައްދާ ކަރަންޓްގެ ނިސްބަތް ކުއްލިއަކަށް މަތިކުރަން ޖެހެއެވެ. ކުއްލިއަކަށް މިފަދައިން ޖަނަރޭޓަރުތަކުން ކަރަންޓު އުފައްދަން ޖެހޭ ހާލަތްތަކުގައި އެކިއެކި ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު ބޮޑުވެއެވެ.
"އެހެންވީމާ އަޅުގަނޑުމެން މި ގެންގުޅޭ ޓާގެޓަކީ ހުރިހާ ރަށެއްގައި 30 ޕަސެންޓާ ހަމައަށް ސޯލާ ޖެހުން،" ނިޡާމް ވިދާޅުވިއެވެ. ރަށަކަށް ބޭނުންވާ ކަރަންޓްގެ 30 ޕަސެންޓަށް ވުރެ އިތުރަށް އަވިން ކަރަންޓް އުފެއްދެން މިހާރު ނެތް ސަބަބަކީ އެގޮތަށް އުފައްދާ ކަރަންޓް، ވިލާގަނޑެއް އެރުމާ އެކު ކެނޑޭ ގޮތަށް ހުރުމެވެ. އެހެން އެ ވަނީ އަވިން އުފައްދާ ކަރަންޓް ރައްކާކުރެވޭނެ ގޮތެއް ނެތުމެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސްޓެލްކޯއިން މިހާރު ދަނީ ބައެއް ރަށްރަށުގައި ސޯލާ ހަކަތައް ރައްކާކުރާ ބެޓަރި ސިސްޓަމް ބެހެއްޓުމަށް ތައްޔާރުވަމުންނެވެ.
ހަމަ އެކަނި އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދަން ރަކީދޫގައި ހާއްސަ މަޝްރޫއެއް
ހަމަ އެކަނި އަވީގެ ހަކަތައިން ކަރަންޓް އުފައްދާ ގޮތަށް ބަދަލުކުރާ ނަމަ ސޯލާ ޕެނަލް ޖެހުމުގެ އިތުރުން އެތައް ކަމެއް ކުރަން ޖެހެއެވެ. ބެޓެރީ ސިސްޓަމް ބަހައްޓައި، ހަކަތަ ރައްކާކުރުމުގެ އިންތިޒާމު ހަމަޖައްސަން ޖެހެއެވެ. ސްޓެލްކޯއިން އެ އިންތިޒާމު ހަމަޖައްސާ ފުރަތަމަ ރަށަކީ ވ. ރަކީދޫއެވެ. ނިޡާމް ވިދާޅުވި ގޮތުގައި ރަކީދުއަކީ ހަމަ އެކަނި އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ރަށަކަށް ހެދުމަށްޓަކައި ކުރަން ޖެހޭ ގިނަ މަސައްކަތްތައް މިހާރު ހުރީ ނިމިފައެވެ. އިތުރަށް ކުރަން ޖެހޭ ކަމަކީ ބެޓެރީތައް ގެނެސް އިންސްޓޯލްކުރުމެވެ. އެކަމަށް ޓަކައި ގެންނަ ބެޓެރީތަކަށް މިހާރު ވަނީ އޯޑަރު ވެސް ދީފައެވެ.
"އެހެންވީމާ ބެޓްރީ އިންސްޓޯލްކޮށް ހުރިހާ ކަމެއް ނިމޭނެ ކަމަށް މި ބަލަނީ ނޮވެންބަރު މަހުގެ މެދުތެރޭގަ. ބެޓްރި އިންސްޓޯލްކޮށް ނިމުމަށް ފަހު ހުރިހާ އިންޖީނެއް އަޅުގަނޑުމެންނަށް ނިއްވައިލެވޭނެ،" އޭނާ ވިދާޅުވިއެވެ. ރަކީދޫގެ ރައްޔިތުންނަށް އެކަމުގައި އޮތް އެންމެ ބޮޑު އެއް މަންފާއަކީ އެ މަޝްރޫއުގައި އެ ރަށުގެ ރައްޔިތުންގެ ގޭގޭގެ ގިނަ ފުރާޅުތަކެއް ސްޓެލްކޯއިން ކުއްޔަށް ނަގާފައި ވުމެވެ. އެ ހުރިހާ ފުރާޅެއްގައި ވެސް މިހާރު ވަނީ ސޯލާ ޕެނަލް ޖަހައި ނިމިފައެވެ.
"ދެން އެ ބޭފުޅުންނަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ. ކޮންމެ މަހަކު އެބޭފުޅުންގެ ބިލުން ފުރާޅުގެ ކުލީގެ ގޮތުގައި އުނިވެގެން ދާނެ ވަރަށް ބޮޑު އެއްޗެއް. ގާތްގަނޑަކަށް ބިލުގެ ދެބައިކޮށްފައި އެއްބައި ނޫނީ ތިންބައިކޮށްފައި ދެބައި އުނިވެގެންދާނެ،" ނިޡާމް ވިދާޅުވިއެވެ.
ރަށްރަށުގައި ބޭނުންކުރާ ކަރަންޓު އުފެއްދުން ސޯލާއަށް ބަދަލުކުރަމުންދާއިރު، އެކަށޭނަ މިންވަރަށް ފުރާޅުތަކުން ޖާގަ ނުލިބޭ ހާލަތުގައި ސްޓެލްކޯއިން ކުރާނެ ކަމަކީ ބިންމަތީ ސްޓްރަކްޗާތައް ހަރުކޮށް، އޭގައި ސޯލާ ޕެނަލް ހަރުކުރުމެވެ. ފުރާޅުތައް ލިބޭތީ އެ މަރުހަލާ އަކަށް އަދި ނުދެއެވެ. ނިޡާމް ވިދާޅުވި ގޮތުގައި އެގޮތަށް ހަރުކުރަން ޖެހިއްޖެ ހާލަތެއްގައި ރަށްރަށުގެ ބަނދަރުގައި ސޯލާ ޕެނަލް ޖަހަން ބައެއް ކައުންސިލްތަކުން ވަނީ ހުއްދަ ވެސް ދީފައެވެ. ރަކީދުއަށް ފަހުގައި ސްޓެލްކޯއިން އަމާޒަކީ އދ. ދިއްދޫގައި ހަމަ އެފަދަ ޕްރޮޖެކްޓެއް ހިންގުމެވެ. ނިޒާމު ވިދާޅުވި ގޮތުގައި ދިއްދޫގައި ހިންގާ ޕްރޮޖެކްޓް އަންނަ އަހަރު ފަށާނެއެވެ.
އަތްވަށްފަހު ސްޓެލްކޯގެ އަމާޒު ވަޔާ، ރާޅު އަދި އޮޔަށް
އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި ސްޓެލްކޯއިން އަންނަނީ އަވީގެ އިތުރުން ވައިން ހަކަތަ އުފެއްދުމަށް ޓަކައި ވެސް ޕައިލޮޓް ޕްރޮގްރާމެއް ފަށައިގެން ހިންގަމުންނެވެ. އެއީ ހޮރިޒޯންޓަލްކޮށް އެނބުރޭ، މައިކްރޯ ވިންޑް ޓާބައިންތަކެއް ހަރުކޮށްގެން ކަރަންޓް އުފައްދަން އަމާޒުކުރާ ޕްރޮޖެކްޓެކެވެ.
"އަޅުގަނޑުމެންނަށް ހަމަ އެކަނި ސޯލާއަށް ޑިޕެންޑް ވެވޭކަށް ނެތް، ސޯލާ އިން އުފައްދާ ނަމަ، އަވި ނުދީފިއްޔާ ކަރަންޓް އުފެއްދޭނެ ގޮތެއް ނޯންނާނެ. އެހެންވީމާ އަޅުގަނޑުމެން އެބަ ގެންދަން އިތުރު ޕްރޮޖެކްޓެއް، ރިސާޗްގެ ގޮތުގައި އެބަ ގެންދަން ، މައިކްރޯ ވިންޑް،" ނިޒާމު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެހެން ގައުމުތަކުގައި ހުންނަ ކަހަލަ ބޮޑެތި ބުރަފަތިލީ ވިންޑް ޓާބައިން ތަކަކީ ރާއްޖެއާ ގުޅޭ އެއްޗެއް ނޫނެވެ. ރާއްޖެއާ އެންމެ ގުޅޭ އެއްޗަކީ ވަރަށް މަޑުން ވައިޖެހުނަސް އެނބުރޭ، އަޑު މަޑު، މައިކްރޯ ޓަރބައިންއެވެ. ސްޓެލްކޯއިން ގެންދަނީ އެކަމަށް ބޭނުންވާ ދިރާސާކުރަމުންނެވެ.މީގެ އިތުރުން، ރާއްޖޭގެ ސަރަޙައްދުގެ ބޮޑު ބަޔަކީ ކަނޑު ކަމުން، ގުދުރަތީ އެ ވަސީލަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، ކަނޑުގެ އޮއެ، ރާޅު އަދި ދިޔަވަރު ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށްވެސް ސްޓެލްކޯއިން ދަނީ ތައްޔާރުވަމުންނެވެ.
އެކަމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމުގެ ގޮތުން ކ. ގުޅީ ބޭރުގައި ސްޓެލްކޯއިން ވަނީ "ވޭވް ބޮއެ" އެއް ހަރުކޮށް ވޭވް ޑޭޓާ އެއްކުރަންފަށާފައެވެ. މި ޑޭޓާއަށް ބަލައި، ރައްޖޭގެ ރާޅުން ހަކަތަ އުފެއްދުމަށް އެންމެ އެކަށޭނެ ސިސްޓަމްތަކަކީ ކޮބައިކަން ދެނެގަނެވޭނެއެވެ. މީގެ އިތުރުން ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ހަކަތަ އުފައްދާ ސިސްޓަމެއް ޤާއިމްކުރުމަށް ސްޓެލްކޯއިން ދަނީ ބޭރުގެ ފަރާތްތަކާއިއެކު މަސައްކަތް ކުރަމުންނެވެ.
ސްޓެލްކޯގެ އަމާޒަކީ ތެލަށް ކުރާ ހަރަދު ކުޑަކޮށް، ދެމެހެއްޓެނިވި ގޮތުގައި ކަރަންޓުގެ ހިދުމަތް ދިނުމެވެ. ތެޔޮ އަންދަން ޖެހުމުން، ޖައްވަށް ބޭރުވާ ދުމުގެ ސަބަބުން ރާއްޖޭގެ ވައި ނުސާފުވެ، ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވުން މަދުކުރުމަކީ އެ ކުންފުނީގެ އަމާޒެވެ. ތިމާވެއްޓާއި ރަށްޓެހި ރާއްޖޭގެ އިގްސާދަށް ލުއި ހޯދައިދެވޭނެ ހަކަތަ ސްޓެލްކޯގައި އެބަ ހުއްޓެވެ. އެކަން އެ ކުންފުނިން އެ ދަނީ ސާބިތުކޮށްދެމުންނެވެ.