އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި)ގެ "އެއާޕޯޓް އެކްސެލެންސް (އެޕެކްސް)އިން ސެކިއުރިޓީ" ޕްރޮގްރާމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފަށައިފިއެވެ.

މި އެސެސްމަންޓް ފެށުމުގެ ގޮތުން އިއްޔެ ނޫވިލު ސީޕްލޭން ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު، އޭސީއައިގެ އެޕެކްސް ޓީމް ލީޑަރު ގޭރީ ބައުޑަން އަދި އެމްއޭސީއެލްގެ އިސް ބޭފުޅުންނާއި އެޕެކްސް އެސެސްމަންޓް ޕްރޮގްރާމް ހިންގަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

"އެޕެކްސް އިން ސެކިއުރިޓީ" އެސެސްމަންޓް ޕްރޮގްރާމްގެ މަގުސަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހުރި ގޮތްބަލައި އެކްޝަން ޕްލޭނެއް ތައްޔާރު ކުރުމެވެ.

މި އެސެސްމަންޓް 5 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯއަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުންދާއިރު، އުމްރާނީ ގޮތުންވެސް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުންދާ ކަމަށެވެ. އަދި މި އެއަރޕޯޓުގެ ޚިދުމަތްތައް ހޯދާ އެއަރލައިންތަކާއި ފަސިންޖަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރައްވާ ސީ.އީ.އޯ ވިދާޅުވީ، ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެމް.އޭ.ސީ.އެލްއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދޭނެ ކަންތައް ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ އެޕެކްސް ސެކިއުރިޓީ އެސެސްމަންޓަކީވެސް މިފަދަ މަސައްކަތެއްކަމަށާއި މި އެސެސްމަންޓުގެ ނަތީޖާއަށް ބިނާކޮށް، ޚާއްޞަ އެކްޝަން ޕްލޭނެއް އެކުލަވާލެވޭނެ ކަމަށްވެސް ސީ.އީ.އޯ ވިދާޅުވިއެވެ.

އެޕެކްސް ސެކިއުރިޓީ އެސެސްމަންޓުގެ ސަބަބުން އެއަރޕޯޓުގެ ސެކިއުރިޓީ އޮޕަރޭޝަންސްގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއިއެކު ވީ.އައި.އޭގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ވެގެންދާނެއެވެ. މި އެސެސްޓްމެންޓް ކުރިއަށްގެންދަނީ ޔޫރަޕިއަން ސިވިލް އޭވިއޭޝަން ކޮންފަރެންސް (އީކާކް)ގެ އެހީގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އަބަދުވެސް މަސައްކަތްކުރަމުން ދާނީ، ބައިނަލްއަޤްވާމީ ފެންވަރުގައިއެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަށެވެ. އެގޮތުން، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)، އެއަރޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް (އޭސީއައި)، އަދި އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ގުޅިގެން އެއާޕޯޓު އޮޕަރޭޝަންސް އާއި ސަލަމާތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.