ބަޖެޓުކުރި އަދަދށްވުރެ އިތުރަށް މިދިޔަ އަހަރު ދެ ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަމާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ބަންޑާރަ ނާއިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ކޮންމެ ހަފްތާއަކު ވީކްލީ ފިސްކަލް ރިޕޯޓުގެ ނަމުގައި ރިޕޯޓެއް ނެރެމުން ގެންދާ ކަމަށެވެ. ނަމަވެސް މިއަހަރުގެ ޖޫން މަހުން ފެށިގެން އެ ރިޕޯޓުތައް ނެރުން މަޑުޖައްސާލާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އޭރު ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޝަފީގު އެ ރިޕޯޓު ނެރުން މަޑުޖައްސާލެއްވީ ވަރަށް ބޮޑެތި ތަފާތުތަކެއް ފާހަގަކުރެވިގެން ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ މައްސަލަ ދިމާވީ ހަރަދު ކުރުމަށްފަހު ހިސާބު ނުކޮށް ހުރި ދެ ބިލިއަން ރުފިޔާއެއް ކަމަށެވެ. އަދި އެ އަދަދު މިއަހަރުގެ ބަޖެޓަށް ފެއްތުމުން ވެސް މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން އެކަމުގައި އޮޑިޓާ ޖެނެރަލްގެ ލަފަޔަކަށް ވެސް އެދިފައިވާނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ބަންޑާރަ ނާއިބު އުޝާމް ވިދާޅުވީ ހަފްތާއަކު އެއްފަހަރު ނެރެމުންދިޔަ ވީކްލީ ފިސްކަލް ރިޕޯޓުތައް ނެރުން ހުއްޓާލުމާއި ގުޅިގެން އެމަނިކުފާނުގެ ލަފަޔަކަށް ފިނޭންސުން އެދުނު ކަމަށެވެ. އޭޖީ ވެސް ވިދާޅުވީ މައްސަލަ ދިމާވެގެން އުޅޭ ދެ ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގެ ތެރެއަށް ލައިފި ކަމަށްވާ ނަމަ އެއީ ގާނޫނާ ހިލާފު ކަމަކަށްވާ ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ހަރަދު ކުރަން ވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓަކަށް ކަމަށާއި އެ އަދަދަށްވުރެ އިތުރަށް ހަރަދު ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވެއެވެ.

ގާނޫނުއަސާސީގެ 96ވަނަ މާއްދާ

(ހ) ކޮންމެ މާލީ އަހަރެއް ފެށުމުގެކުރީން އެ އަހަރަކަށް ދައުލަތުން ހިނގާނޭކަމަށްލަފާކުރާ ހަރަދާއި، ދައުލަތަށް ލިބޭނޭކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީއަހަރު ދައުލަތުން ހިނގި ހަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާންވާނެއެވެ.

(ށ) މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަށް، ރައްޔިތުންގެ މަޖިލީހުން ގެންނާން ފެންނަ އުނިއިތުރެއް ގެނެވިދާނެއެވެ. ނުވަތަ އުނިއިތުރެއް ނުގެނެސް ފާސްކުރެވިދާނެއެވެ.

(ނ) ރައްޔިތުންގެ މަޖިލީހުން ހުއްދަލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށްވުރެ ހަރަދު އިތުރުކޮށްގެނެއް ނުވާނެއެވެ. އަދި ބަޖެޓުގައި ވަކި ކަމަކަށް ހަރަދެއްކުރުމަށް ކަނޑައަޅައިފައިވާނަމަ އެ ހަރަދެއް ކުރާންވާނީ އެކަމަކަށް އެކަންޏެވެ.

"އަޅުގަނޑު ހަނދާން އެބަހުރި އަޅުގަނޑު މަޖިލިސް މެންބަރަކަށް ކުރިން ހުންނެވިއިރު ހަރަދު ކުރުމަށްފަހު ސަޕްލިމަންޓް ކުރުމަށް މި ހުށަހަޅަނީ. އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް،" ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ 2020ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކުރީގެ ސަރުކާރުން ކަންކަން ކުރަމުން ދިޔައީ އެހެން ކަމަށެވެ. އޭރު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެކަން ވަރަށް ގިނަ ފަހަރު ފާހަގަކުރެއްވި ކަމަށާއި މަޖިލީހުގެ ބައެއް އެހެން މެންބަރުން ވެސް އެކަން ފާހަގަކުރެއްވި ކަމަށް އުޝާމް ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ ކުރީ ސަރުކާރުން މާލީ ކަންކަން ބެލެހެއްޓުމުގައި ގާނޫނުއަސާސީ އާއި މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާއި ހިލާފު ކަންތައްތަކެއް ހިންގާފައި އެބަހުރި ކަމަށެވެ. އެފަދަ ކަންކަން ކުރި ފަރާތްތަކުގެ މައްސަލަތައް ބަލާ ފިޔަވަޅު އަޅުއްވާނެ ކަމަށް އޭޖީ ވިދާޅުވިއެވެ.

"ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ވަރަށް ގިނަ ގޯސްތަކެއް ހަދާފައި އެބަހުރި. އެހެންވީމާ އެކަމަކީ އެހާ ފަސޭހައިން އަޅުގަނޑުމެން ދޫކޮށްލާ ޒާތުގެ ކަމަކަށް ވެގެން ނުވާނެ،" އުޝާމް ވިދާޅުވިއެވެ.