މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

އެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އިއްޔެއެވެ. އެ މައްސަލާގައި ހިމެނޭ ހަތަރު މީހުންނަކީ ގދ. ތިނަދޫ / ރަންގަލް، ހަސަން ލޫތު އާއި ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45 ހަސަން ރަޝީދު އާއި ތ. ތިމަރަފުށި / ވައިޓްރޯސް، އިސްމާއިލް ޝަރީފްގެ އިތުރުން މާލެ، މއ. ހަސްލަތު، ޝާނިޔާ އިބްރާހިމްއެވެ.

އެ ހަތަރު މީހުން ޖަލަށްލާން ހުކުމްކުރުމުގެ އިތުރުން ޖޫރިމަނާކޮށްފައި ވެއެވެ. އެގޮތުން، ހަސަން ލޫތު ދެ މިލިއަން ރުފިޔާއިން، ހަސަން ރަޝީދު އެއް މިލިއަން ރުފިޔާއިން އަދި އިސްމާއީލް ޝަރީފާއި ޝާނިޔާ އިބްރާހިމް 500،000 ރުފިޔާ އިން ޖޫރިމަނާކޮށްފައި ވެއެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ޓްރެފިކް ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2021 ޖަނަވަރީ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

އެ މައްސަަލައާ ގުޅިގެން އެމީހުންނާ ގުޅުންހުރި މާލޭގެ ހަތަރު ތަނެއް ބަލައިފާސްކޮށްފައިވެއެވެ. އެގޮތުން ގ. ނީ، މއ. ހަނީސަކަލް، މ، ބުރެހިމާގެ އަދި މ. ރޭއަލި ގެސްޓު ހައުސް ބަލައިފާސްކުރުމުގެ ތެރެއިން، 54 ގްރާމް ޑައިމޯފިން އާއި 266 ގްރާމް ކެނަބިސް ފެނިފައިވެއެވެ. އޭގެ އިތުރުން 1,542,675 ރުފިޔާ ފެނިފައިވެއެވެ.

އެ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ކަނޑައަޅައި ދައުލަތަށް ނެގުމަށްވެސް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވެއެވެ.