ޓެރަރިޒަމާ ގުޅޭގޮތުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި (އެމްއެންޔޫ)ގައި އެމެރިކާ ސަރުކާރުގެ ވަފުދަކުން ދިން ލެކްޗާއެއްގައި, އެމެރިކާއަކީ ޓެރަރިސްޓް ދައުލަތެއް ކަމަށް ބުނެ ބައެއް މީހުން އަޑު އުފުލައިފިއެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓްގެ ވަފްދަކުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ލެކްޗާއެއް ދިނީ ޓެރަރިޒަމްގެ މައްސަލަތަކުގައި ދައުވާ ކުރުމާ ބެހޭގޮތުންނެވެ. އަދި އެމެރިކާއަކީ ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަމަލުތަކުގައި އިޒްރޭލަށް އެންމެ ބޮޑަށް އެހީތެރިވާ ގައުމު ކަމަށްވާތީ ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔައިފައެވެ.
އެ ލެކްޗާގައި ކުރިއަށް ގެންދިޔައިރު ބައެއް މީހުން ވަނީ ބެނާތައް ހިފައިގެން ތިބެ, އެތަނުގައި އެމެރިކާއާ ދެކޮޅަށް އަޑު އުފުލައިފައެވެ. އެގޮތުން އެމެރިކާއަކީ ޓެރަރިސްޓް ދައުލަތެއް ކަމަށާއި ކުޑަކުދިން މެރުމަށް އެ ގައުމުން އެހީވަމުންދާ ކަމަށް ބުނާ ބެނާތައް ހިފައިގެން އެތަނުގައި ބައެއް މީހުން ތިއްބެވެ.
މި ޕޯސްޓާ ދެކޮޅަށް ގިނަ ބަޔަކު ވާހަކަ ދެއްކި
ރާއްޖޭގެ އެމްއެންޔޫއިން އެފަދަ ކަމެއް އެމެރިކާއާ ގުޅިގެން އިންތިޒާމް ކުރުމުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް އެކަމަށް ފާޑު ކިޔާފަ އެވެ. އަދި ޓެރަރިޒަމާ ބެހޭގޮތުން ވާހަކަ ދައްކަން އެމެރިކާ ލަދު ގަންނަންޖެހޭ ކަމަށާއި އަދި އެމްއެންޔޫއިން އެފަދަ ކަމަކަށް ފުރުސަތު ދިނުމަކީ ލަދުވެތި ކަމެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.
"ގަތުލު އާންމަށް ވާގިވެރިވެ, ދުނިޔޭގައި ޓެރަރިޒަމް ފަތުރާ ބަޔަކު ލައްވާ ޓެރަރިޒަމްގެ ވާހަކަ ދައްކަން ފުރުސަތު ދިނުމަކީ އެމްއެންޔޫއިން ލަދުވެތިވާން ޖެހޭ ކަމެއް،" މީހަކު ފާޅުކުރި ހިޔާލެއްގައިވެއެވެ.
އެގޮތަށް ފުރުސަތު ދޭނަމަ, އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވެސް ފުރުސަތު ދޭންވީ ނޫންތޯ ބައެއް މީހުން ސުވާލު ކޮށްފައިވ އެވެ.
"ދުނިޔޭގެ ސުލްހައާ ބެހޭގޮތުން ދެން އޮންނަ ސެމިނާއަކަށް ނަތަންޔާހޫއަށް ވެސް ދައުވަތު ދޭނަން ދޯ." އެކަކު ބުނެފައިވެ އެވެ.
ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ހިންގާ ޔުނިވާސިޓީއެއްގައި މިފަދަ ކަމެއް ކުރަނީ ސަރުކާރުގެ އެއްބާރުލުން ލިބިގެންތޯ އާއި ސަރުކާރުން ވެސް އެމެރިކާއަށް ނުސީދާ ގޮތުން ވާގިވެރިވަނީތޯ ބައެއް މީހުން ސޯޝަލް މީޑިއާގައި ސުވާލު އުފައްދައި, ފާޑު ކިޔާފައިވެ އެވެ.