ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އެކްސްޕޭންޝަން އެންޑް އިކޮނޮމިކް ޒޯން ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން މިހާރު ބޭނުންކުރަމުންދާ ޓެކްސީވޭ ޗާލީ އަލުން ބިނާ ކުރުމުގެ އަމަލީ މަސައްކަތް ކުރުމަށް ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްފިއެވެ.

ނޫވިލު ސީޕްލޭން ޓާމިނަލްގައި އިއްޔެ ބޭއްވި ރަސްމިޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ވާންގް ލީޒިންގ، އަދި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު، ބީޔޫސީޖީގެ ޖެނެރަލް މެނޭޖަރު ލުއޯ ވެއި ބައިވެރިވެވަޑައިގެންނެވިއެވެ.

ޓެކްސީވޭ ޗާލީ ތަރައްގީ ކުރުމުގެ އެއްބަސްވުމާއި ފަހުމުނާމާގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި ބީޔޫސީޖީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ލުއޯ ވެއިއެވެ.

ވީއައިއޭގެ ޓެކްސީވޭ އަލުން ތަރައްގީ ކުރުމަށް ޗައިނާގެ ބީޔޫސީޖީއަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ ވާހަކަދައްކަވަނީ: ފޮޓޯ | އެމްއޭސީއެލް

އެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީ އަށް އެކުލަވާލައްވާފައިވާ 20 އަހަރުގެ މާސްޓާ ޕްލޭން އާއި އެއްގޮތަށް އެއާޕޯޓް ތަރައްގީ ކުރުމުގެ އައު މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިޔަށް ގެންދަވާނެ ކަމަށެވެ. އެގޮތުން ޓެކްސީވޭ ޗާލީ ތަރައްގީ ކުރުމަކީ އެ ޕްރޮޖެކްޓްގެ ދަށުން ފަށައިގަންނަ މުހިއްމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.

އަދި ޓެކްސީވޭ ޗާލީ ތަރައްގީކޮށް ނިމޭއިރު އެއާޕޯޓުގެ އޮޕަރޭޝަންސް އިތުރަށް ފުޅާ ކުރެވި، ފްލައިޓް ޓާން އެރައުންޑް ޓައިމް ކުޑަކޮށް، ހިދުމަތް އަވަސްކުރުމަށް މަގުފަހި ވެގެންދާނެ ކަން ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާވެ، ކުއްލި ހާލަތެއްގައި މަތިންދާބޯޓު ޖައްސާނެ ރަންވޭއެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިގެންދާނެ ކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ބީޔޫސީޖީ އާއި އެކު އެމްއޭސީއެލް އިން ކުރިޔަށް ގެންދާ ހުރިހާ މަޝްރޫއު އަކީ ވެސް ކާމިޔާބު ކަމާއެކު އަވަހަށް ނިންމާލެވޭ މަޝްރޫޢުތަކެއްކަން ފާހަގަ ކުރެއްވިއެވެ.

ވީއައިއޭގެ ޓެކްސީވޭ އަލުން ތަރައްގީ ކުރުމަށް ޗައިނާގެ ބީޔޫސީޖީއަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ: ފޮޓޯ | އެމްއޭސީއެލް

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ވީއައިއޭގެ ޑިވެލޮޕްމަންޓަކީ ސަރުކާރުގެ ވަރަށް މުހިއްމު ސްޓްރެޓީޖިކް އިންވެސްޓްމެންޓެއް ކަމަށާއި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކައިރި މުސްތަގުބަލެއްގައި 2.4 މިލިޔަނަށް އިތުރުވެގެން ދިޔުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށެވެ.

އަދި އެމްއޭސީއެލް އަކީ ދިވެހިރާއްޖޭގެ އިގްތިސޯދުގައި އެންމެ ހިއްސާ ބޮޑު ކުންފުނިކަން ފާހަގަ ކުރައްވައި، ވީއައިއޭ ތަރައްގީ ކުރުމުގެ ސަބަބުން މުޅި ދިވެހިރާއްޖެއަށް ލިބޭނެ އިގްތިސޯދީ ކުރިއެރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޗައިނާ އާއި ރާއްޖެ އާއި ދެމެދުގައި އޮތް އެކުވެރި ގުޅުމާއި އިގްތިސޯދީ މަޝްރޫއުތަކުގައި އެ ގައުމުގެ ހިއްސާ ބޮޑުކަން ފާހަގަކުރެއްވިއެވެ.

3200 މީޓަރުގެ އެ ޓެކްސީވޭ ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރު ނޮވެންބަރު މަހު ފެށުމަށް ހަމަޖެހިފައިވާއިރު، އެ މަސައްކަތް 2027 ވަނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާފައިވާ ތަރައްގީގެ އެންމެ ބޮޑެތި މަސައްކަތްތައް ކޮށްފައި ވަނީ ބީޔޫސީޖީ ކުންފުނިންނެވެ. އެގޮތުން މިހާރު ބޭނުން ކުރަމުންދާ ކޯޑް އެފް ރަންވޭ، ނޫވިލު ސީޕްލޭން ޓާމިނަލާއި އައު ފަޔާ ސްޓޭޝަން، އައު ކާގޯ ޓާމިނަލްއެއްގެ އިތުރުން އައު ފިޔުލް ފާމެއް ވަނީ ތަރައްގީކޮށް ނިމިފައެވެ.