ރާއްޖޭގައި ނަގަމުންދާ ޓެކްސްތައް ދުނިޔޭގައި ކުރިއަރާފައިވާ ސިންގަޕޫރާއި ދުބާއީގައި ނަގާ ޓެކްސްތަކަށް ވުރެ ބޮޑު ކަމަށް މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ސިޔާމް އެހެން ވިދާޅުވީ ޓޫރިސްޓުންގެ އަތުން މިހާރު ނަގަމުންދާ ގްރީން ޓެކްސް، ދެ ގުނައަށް ބޮޑު ކުރުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގައި ހަ ރިސޯޓު ހިންގަވާ ސިޔާމް ވިދާޅުވީ ދުބާއީ އާއި ސިންގަޕޫރުގައި ޖީއެސްޓީގެ ގޮތުގައި ނަގަނީ އަށް ޕަސެންޓާއި ނުވަ ޕަސެންޓާ ދޭތެރޭގައި ކަމަށެވެ.

މުދަލާއި ހިދުމަތުގެ އަގުން ނުވަތަ ޖީއެސްޓީގެ ގޮތުގައި ރާއްޖޭގައި މިހާރު ނަގަމުންދަނީ 16 ޕަސެންޓެވެ. ޖީއެސްޓީ ކުރިން ހުރީ ހަ ޕަސެންޓުގައެވެ. ހަ ޕަސެންޓުން 16އަށް ޖީއެސްޓީ ބޮޑު ކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.

ސިޔާމް ވިދާޅުވީ ރާއްޖޭގެ ޓެކްސްތައް މިހާރު ނަގަމުންދަނީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ކަމަށާއި ޓެކްސްތައް އިތުރަށް ބޮޑުކުރަން ވެއްޖެނަމަ، އިގްތިސާދު ހަލާކުވެގެން ހިނގައިދާނެ ކަމަށެވެ. ރާއްޖެއަށް ޓެކްސްގެ ގޮތުގައި ކޮންމެ އަހަރަކު ފަސް ބިލިއަން ޑޮލަރު ވުރެ ގިނައިން ލިބޭ ކަމަށާއި ރާއްޖެއަކީ ދުނިޔޭގައި އެންމެ މަތީ ފެންވަރުގައި ޓެކްސް ނަގާ ގައުމަކަށްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ގައުމަށް ލާރިވެސް ލިބޭ. މި ގައުމަކީ ސައުތު އީސްޓް އޭޝިއާގައި އޮތް، ހަގީގަތުގައި ބުނާނަމަ އެންމެ މުއްސަނދި ގައުމު ވެސްމެ، ޓެކްސްގެ ބޮލަކަށްޖެހޭ މިންވަރުން ބަލާއިރު. ނަމަވެސް އަޅުގަނޑުމެންނަށް މި ލިބޭ ޓެކްސްގެ ތެރެއިން ފަސް ބިލިއަން ޑޮލަރު ލިބޭ ކަމަށް ވަންޏާ، ދެ ބިލިއަން ޑޮލަރު ކޮންމެ އަހަރު މި އަޅާލަނީ ކަނޑަށް
އަހުމަދު ސިޔާމް މުހައްމަދު، ދ. މީދޫ ދާއިރާގެ މެމްބަރު

އޭނާ ވިދާޅުވީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއިން ބައެއް "ކަނޑަށް އަޅާނަމަ" ޓެކްސް ނަގާ ނިސްބަތް އެއްހާސް ގުނައަށް ޖެއްސިޔަސް ކުރާނެ ރާހަތެއް ނޯންނާނެ ކަމަށެވެ.

ބޭކާރު ހަރަދުތަކެއް ކަމުގައި ސިޔާމް ފާހަގަ ކުރެއްވީ ސަރުކާރުގެ ކުންފުނިތަކުން ކުރާ ހަރަދުތަކެވެ. އެގޮތުން މިފްކޯ އާއި މޯލްޑިވިއަނަށް ބޭކާރު ހަރަދުތައް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިފްކޯއިން މިދިޔަ އަހަރު ފަސް ބިލިއަން ރުފިޔާއިން ގެއްލުންވެފައިވާ ކަމަށާއި އައިލެންޑް އޭވިއޭޝަނަށް ވެެސް ފަސް ބިލިއަން ފުރިޔާއިން ގެއްލުންވެފައިވާ ކަމަށް ވިދާޅުވިއެވެ. ރައްޔިތުންގެ އަތުން ޓެކްސް ނަގައިގެން ހިންގާ ކުންފުނިތައް ގެއްލުމުގައި ހިނގާނަމަ، އިތުރަށް ޓެކްސް ނެގިޔަސް ގައުމަށް ވާނީ ގެއްލުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދުން މިއަދަށް، މިހާރުން މިހާރަށް ކުރަންވީ ކަމަކީ ކޮބައިތޯ؟ މި ހިންގާ ޖަރީމާ ކުންފުނިތައް ހުއްޓާލުން. ވަގުތުން ހުއްޓާލުން. މިއީ ޖަރީމާ ހިންގާ ކުންފުނިތައް. މިއީ ހުސް ވައްކަން ކުރާ ކުންފުނިތައް. އަޅުގަނޑު ގޮވާލަން މި މަޖިލީހުގެ ހުރިހާ މެމްބަރުންނަށް އަދި މަޖިލީހުގެ ރައީސަށް މި ކުންފުނިތައް މިއަދުން މިއަދަށް ހުއްޓާލަން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވި ގޮތުގައި އަވަށްޓެރި ސްރީލަންކާ ބަނގުރޫޓުވީ ބޭކާރު ކުންފުނިތައް ހިންގައި، ކޮރަޕްޝަން ހިންގުމުން ކަމަށެވެ. އެގޮތުން ކޮންމެ ރިޔާސީ އިންތިހާބަކާ އެކު، އެ ގައުމަށް އިންތިހާބުވި ރައީސުން 100 ވުރެ ގިނަ ކުންފުނި އުފެއްދި ކަމަށާއި ގައުމު ބަނގުރޫޓުވިއިރު، އެ ގައުމުގެ ސަރުކާރުގެ ހާހެއްހާ ކުންފުނި އޮތް ކަމަށެވެ.

"[ސްރީލަންކާގެ ކުންފުނިތައް] އެ ކުންފުނިތައް ހިންގުމަށްޓާ އެތައް ބިލިއަން ޑޮލަރެއް ކޮންމެ އަހަރަކު ކަނޑަށް އަޅަމުން، ވައްކަން ކުރަމުން، މި ދަނީ. މި ގައުމުގައި ވެސް މި ފެންނަނީ އެކައްޗެއް. މިއީ ނުފެންނަ އެއްޗެއް ނޫން. އިއްޒަތްތެރި ރައީސް. އިއްޒަތްތެރި މެމްބަރުން. ހޭލާ ވަޑައިގަންނަވާ. މި ގައުމު ހަލާކު ނުވަނީސް ހޭލައިވަޑައިގަންނަވާ،" ސްރީ ލަންކާގައި ވެސް ރިސޯޓު ވިޔަފާރި ކުރައްވާ ސިޔާމް ވިދާޅުވިއެވެ.