ރާއްޖޭގައި ވޭޕް ކުރުން މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މަރުހަބާ ކިޔައިފިއެވެ.

އެ ޖަމިއްޔާގެ ސައުތު އީސްޓް އޭޝިއާ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ވޭޕް ބޭނުން ކުރުން މަނާ ކުރުމަށް ރާއްޖޭން ނިންމުމުން މަރުހަބާ ކިޔައި ކަމަށެވެ. ހާއްސަކޮށް ޒުވާން އުމުރުގެ ކުދިންގެ މެދުގައި ވޭޕް ކުރުން އިތުރުވާއިރު އެކަން ހުއްޓުވުމަށް ވޭޕް ބޭނުން ކުރުން މަނާ ކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެ ޖަމިއްޔާ އިން ވަނީ ދެކިފައެވެ.

އެ ޖަމިއްޔާގެ ޕޯސްޓުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ޒުވާނުންގެ މެދުގައި ވޭޕް ކުރުން އިތުރު ކަމަށެވެ. އެ ޖަމިއްޔާ އިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުރިހާ ވައްތަރަކީ ވެސް ގެއްލުންހުރި އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ކެންސަރާއި ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ހަކުރު ބަލީގެ ނުރައްކާ ބޮޑު ކަމެއްކަމުގެ އިންޒާރު އެ ޖަމިއްޔާ އިން ވަނީ ދީފައެވެ.

ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކުރުމަށް ރައީސް މުއިއްޒު ނިންމެވީ މިމަހުގެ 14ވަނަ ދުވަހުއެވެ.

ރައީސް ވިދާޅުވީ ވޭޕް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގައިފިން،" އިތުރަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ އެ ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަރުހަބާ ކިޔައިފައެވެ. އަދި އެކަމަށް ގިނަ އާއްމުންގެ ތަރުހީބު ވެސް އަންނަނީ ލިބެމުންނެވެ.