ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ސިޔާސީ އެކި މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ 200އަށްވުރެ ގިނަ މީހަކު ކުރިޔަށް އޮތް 15 ދުވަސް ތެރޭގައި ވަކި ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
އެކްސްގައި ރައީސް މުއިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބި 228 މީހަކު ވަކި ކުރުމަށް އެމަނިކުފާނު އަންގަވާފައި ވާނެ ކަމަށެވެ. ވަކި ކުރާ ސިޔާސީ މީހުންގެ ތެރޭގައި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވެސް ހިމެނެއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެ އަދަދަށް ސިޔާސީ މީހުން ވަކި ކުރުމުން މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
ސިޔާސީ މީހުން ވަކިކުރާ މަގާމުތަކާއި އަދަދު:
- ސްޓޭޓް މިނިސްޓަރުން: 7
- ޑެޕިއުޓީ މިނިސްޓަރުން: 43
- ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން: 109
- ޕޮލިޓިކަލް ޑިރެކްޓަރުން: 69
ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަ ކުރުމަށް ނުވަތަ އެފަދަ ހަފްލާތައް ނުބާއްވަން މިދިޔަ ޖޫން މަހުގެ 6ވަނަ ދުވަހު ރައީސް ވަނީ ނިންމަވައިފައެވެ. އެހެންކަމުން މިއަދު ރައީސް ނިންމަވާފައިވާ މި ނިންމުމަކީ ކުރިން އެމަނިކުފާނު އަޅުއްވަން ނިންމެވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅަމުން ގެންދާއިރު ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ވެސް ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް 17 ޕަސެންޓަށް ބޮޑު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ވަނީ ހުށަހަޅައިފައެވެ.
މީގެއިތުރުން ގްރީން ޓެކްސްގެ ގޮތުގައި ކޮންމެ ދުވަހަކު ޓޫރިސްޓެއްގެ އަތުން ނަގަމުންދާ ހަ ޑޮލަރު، އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން 12 ޑޮލަރަށް ބޮޑު ކުރުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.
ބޮޑު ހަރަދެއް ސަލާމަތްވާ ކަމަށް ބުނެ ދައްކަނީ ބުހުތާނު ދޮގު: އަންޑޭ
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން