އަންނަ މަހުން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަ ކުރައްވައިފިއެވެ.

ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް އަންނަ މަހުގެ އެކަކުން ފެށިގެން ބޮޑުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓަރު 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެމުދަލުން ނެގޭ އެޑްވެލޮރަމް ރޭޓް 50 ޕަސެންޓު މަތި ކުރުމަށް ވެސް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އާއްމު ތަންތާނގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަ ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ހަމައެއާއެކު، ދުންފަތުގެ އިސްތިއުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ގައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެންޕޭނެއް ފެށުމަށް ވާނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމައުއަކަށް ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

ދުންފަތުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ރައީސް ނިންމެވިއިރު އިއްޔެ އެމަނިކުފާނު ވަނީ ރާއްޖޭގައި ވޭޕްކުރުން މަނާ ކުރުމަށް ވެސް ނިންމައިފައެވެ.