ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި، ނިންމުމަކީ ކުޑަކުދިންނާއި ޒުވާނުންގެ ހައްގުގައި އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށް ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީ އިން މިރޭ ބުނެފިއެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގައިފިން،" އިތުރަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ނިންމެވުމަށް މަރުހަބާ ކިޔައި ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ވޭޕުގެ ސިއްހީ ނުރައްކާތަކުގެ އިތުރަށް ވޭޕު ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ މެދުގައި ފެތުރެމުންދާއިރު ވޭޕުގެ އެކި ބައިތައް ބޭނުންކޮށްގެން މަސްތުވާތަކެތި ކުޑަކުދިންނާއި، ޒުވާނުންގެ މެދުގައި ފަތުރަމުންދާކަން ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ ހަގީގަތްތަކުގެ އަލީގައި މާހިރުންނާއި މަދަނީ ޖަމިއްޔާތަމާއި ސިއްހީ ދާއިރާގެ މާހިރުން ވޭޕު މަނާކުރުމަށް ގޮވައިލައްވަމުންދާތާ އަހަރުތަކެއްވެފައިވާއިރު މިހާތަނަށް މިކަމުގައި ފާއިތުވި ސަރުކާރުތަކަށް ފިޔަވަޅެއް އަޅާފައިނުވާކަން ޕީއެންސީން ފާހަގަކުރިއެވެ.

"އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެތަކެތި ރާއްޖެ އެތެރެކުރުމާއި، ބޭނުންކުރުމާއި، ވިއްކުމާއި، އެތަކެތީގެ ވިޔަފާރިކުރުމާއި ހިލޭ ބެހުން މަނާކުރެއްވުމަށް ނިންމެވުމަކީ ދިވެހި ކުޑަކުދިންނާއި ޒުވާނުންގެ ޙައްޤުގައި ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެކެވެ. އެއީ އަންނާން އޮތް ދިވެހި ޖީލުތައް ޙިމާޔަތްކުރެއްވުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމުގައި މި ޕާޓީން ޤަބޫލުކުރަމެވެ" ޕީއެންސީގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ރައީސްގެ އެ ނިންމެވުމަށް ފުރިހަމައަށް ތާއީދުކޮށް، ގައުމުގެ މުސްތަގުބަލަށްޓަކައި އެމަނިކުފާނު ނިންމެވި ނިންމެވުން ތަންފީޒުކުރުމުގައި އެންމެހާ އިދާރާތަކާއި ވިޔަފާރިތަކާއި އާއްމު ފަރުދުން އެއްބާރުލުން ދިނުމަށް އިލްތިމާސް ކޮށްފައިވެއެވެ.