އިމާރާތެއްގެ މަތިން ވެއްޓި ނިޔާވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގު އިބްރާހިމް އަދުނާން، 25، މަރުވި މައްސަލާގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް ތުހުމަތުތަކެއްކޮށް، ޗެނަލް13 އިން ގެނެސްދިން ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފިއެވެ.

އެމްޕީއެލް ސަރަހައްދެއްގައި ހުންނަ ހަސޯވާގޭގެ 10 ވަނަ ބުރީގެ ބެލްކަނިން ވިފާގު ވެއްޓި ނިޔާވެފައި ވަނީ އޮގަސްޓް 14، 2024، ގައެވެ.

ވިފާގަކީ ގދ. ފަރެސްމާތޮޑާ ބަގީޗާގޭ، ޒީނަތު އަބްދުﷲ އާއި ގއ. މާމެންދޫ ބީޗްވިލާ، އިބްރާހިމް އަދުނާން އަނީސްގެ ކައިވެންޏަށް ލިބިފައިވާ ތިން ކުދިންގެ ތެރެއިން ދެ ވަނަ ކުއްޖާއެވެ. އަދުނާނަކީ މެރިން ޕޮލިސްގެ ވެރިޔާ އެވެ. އޭނާއަކީ ފުލުހުންގެ ސުޕްރިޓެންޑެންޓެކެވެ. ޒީނަތާއި އަދުނާންގެ ކައިވެނި ރޫޅުނީ އޭޕްރީލް 9، 2003،ގައެވެ.

ޗެނަލް13އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ތުހުމަތުކޮށްފައި ވަނީ ޒީނަތު މިހާރު ކައިވެނި ބައްލަވައިގެން އުޅުއްވާ މަޖިލީހުގެ ނައިބު ރައީސް ނާޒިމް، ވިފާގަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ.

ވިފާގެ މަރާ ގުޅޭ ގޮތުން އިންކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޗީފް ސުޕްރިޓެންޑެންޓް ހަސަން ޝިފާއު ވިދާޅުވީ ނާޒިމް، ޒީނަތާ ކައިވެނި ބައްލަވައިގެންނެވީ ޒީނަތުގެ ފުރަތަމަ ކައިވެނި ރޫޅުނުތާ ހަ އަހަރު ފަހުން ޖުލައި 30، 2009،ގައި ކަމަށެވެ.

ވިފާގު ބެލްކަނިން ވެއްޓުނުއިރު، އެ އެޕާޓްމަންޓުގައި ދިރިއުޅެމުން ދިޔައީ ޒީނަތާއި ވިފާގުގެ ދޮން ބައްޕަ، ނާޒިމެވެ. ވިފާގު މަރުވިއިރު އޭނާ ދިޔައީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން ކަމަށާއި 2016 ވަނަ އަހަރުން ފެށިގެން ނަފްސާނީ ބައްޔަށް އޭނާ ފަރުވާ ހޯދި ކަމަށް ޝިފާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ވެސް ވިފާގު ބެލްކަނިން ފުއްމާލަން އުޅެގެން، ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ހޯދާފައިވާ ކަމަށެވެ.

"...ވިފާގު ދިރިއުޅޭ ގޭގެ ބެލްކަނިން ފުންމާލަން މަސައްްކަތް ކުރުމާ ގުޅިގެން، އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް، ސައިކޭޓްރިސްޓް ވޯޑުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ގޮސް، ސެޑޭކް ކޮށްގެން އިންޑިއާއަށް ގެންގޮސް އަމްރިތާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދީފައިވޭ،" ޗީފް ސުޕްރިޓެންޑެންޓް ހަސަން ޝިފާއު ވިދާޅުވިއެވެ.

ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގެޝަންސް، ޗީފް ސުޕްރިޓެންޑެންޓް ހަސަން ޝިފާއު-- ޕީއެސްއެމް ފޮޓޯ

ޝިފާއު ވިދާޅުވީ ވިފާގު "ޑިޕްރެޝަން"އަށް ދިޔައީ އޭނާގެ މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅުނު ހިސާބުން ކަމަށެވެ. ވިފާގު ޑިޕްރެޝަންއަށް ޑައިގްނޯސް ކުރެވުނީ އޭނާ ސީއެޗްއެސްއީގައި ކިޔެވި ދުވަސްވަރު ކަމަށް ޝިފާއު ވިދާޅުވިއެވެ.

ވިފާގު ނިޔާވި ހާދިސާ ހިނގި ދުވަހު އެއްވެސް ހަމަނުޖެހުމެއް، ނުވަތަ ދެބަސްވުމެއް ނުހިނގާ ކަމަށް އޭނާގެ މަންމައާ ހަވާލާދީ ޝިފާއު މިއަދު ވިދާޅުވިއެވެ.

"ވިފާގުގެ ރަހުމަތްތެރިންނާ ވިފާގުގެ ޕާސަނަލް ވާހަކަތައް ހިއްސާ ނުކުރާކަން ފާހަގަ ކުރެވިފައިވޭ. އަދި އާންމުކޮށް ވާހަކަ ދައްކާ އުޅެނީ ބަލާ ފިލްމުތަކާއި ސީރީޒްތަކުގެ ވާހަކައިގެ އިތުރުން 'ގާލްސް ޓޯކު' ކަމުން އެ ކުދިންގެ ފަރާތުން މައުލޫމާތު ލިބިފައިވޭ،" އޭނާ ވިދާޅުވިއެވެ.

"ވިފާގުގެ އާއިލާގެ ފަރާތުން، އަދި ރައްޓެހިންގެ ފަރާތުން ވެސް ވިފާގު އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަން ކަނޑައެޅިގެން މިހާތަނަށް ތަހުގީގަށް އެނގެން ނެތްކަން ފާހަގަކޮށްލަން."

ޒީނަތާއި އޭނާގެ ދަރިންގެ ކަންތައްތަކާއި ބޯހިޔާވަހިކަމާއި ތައުލީމުފަދަ ހުރިހާ ކަމެއް "ތަފާތު ކުރުމެއް ނެތި" ހަމަޖައްސާދީފައި ވަނީ ވިފާގުގެ ދޮން ބައްޕަ ނާޒިމް ކަމަށް ޝިފާއު ވިދާޅުވިއެވެ.

"ޒީނަތު އަބްދުﷲ އާއި އަހުމަދު ނާޒިމްގެ ޒަވާޖީ ހަޔާތް ފެށުމަށްފަހު، ޒީނަތު އަބްދުﷲ އާއި އޭނާގެ ދަރިންގެ އެންމެހައި ކަންތައްތަކާއި ބޯހިޔާވަހިކަމާއި ތައުލީމާއި މިފަދަ އެންމެހައި ކަންކަމެއް އެއްވެސް ކުއްޖަކާމެދު ތަފާތު ކުރުމެއް ނެތި މިއަދާ ހަަމައަށް ވެސް ފޯރުކޮށް ދެމުންދަނީ އަހުމަދު ނާޒިމްގެ އެހީތެރިކަމާ އެކުގައިކަން ތަހުގީގަށް ލިބިފައި ހުރި މައުލޫމާތުތަކުން އެނގޭ،" އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިފާގަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ވާހަތަކަށް އިޝާރާތްކޮށް، ޝިފާއު ވިދާޅުވީ ވިފާގު ނިޔާވެފައި ވަނީ ބިކުރުވެރި ހާލަތުގައި ކަމަށާއި އެހެންކަމުން އެއްވެސް އިރެއްގައި ޖިންސީ ގޯނާއެއް ވިފާގަށް ލިބިފައި ނުވާކަން ކަށަވަރުކުރެވޭ ކަމަށެވެ.

"ވިފާގު ނިޔާވިއިރު، އޭނާ ވަނީ ބިކުރުވެރި ހާލަތެއްގައިކަން ވިފާގުގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގެން އޮތުމުން، އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫންކަން ކަށަވަރު ކުރެވޭ،" ޝިފާއު ވިދާޅުވިއެވެ.

ވިފާގުގެ މަރާ ގުޅިގެން ޗެނަލް13އިން ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަންއިން ބަލަމުންދާތީ، އެ ކޮމިޝަނަށް ފުލުހުން އެއްބާރުލުން ދެމުންގެންދާ ކަމަށާއި ނަމަވެސް އެ ޑޮކިއުމެންޓްރީގެ މައްސަލަ ފުލުހުން ނުބަލާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝިފާއު ވަނީ އެ ޑޮކިއުމެންޓްރީގައި ހުރި ކަންކަމުގެ ވާހަކަތައް ވަކިވަކިން ވިދާޅުވެ، ތަހުގީގުން ފާހަގަވި ކަންތައްތާކާއި، އަޅައި ކިޔައި، އެ ޗެނަލުން ފެތުރި ވާހަކަތައް ދޮގުކޮށްފައެވެ.

ނޫސްވެރިންނަށް ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ވިފާގުގެ މަރާ ގުޅިގެން، ނާޒިމާ ސުވާލު ކުރި ކަމަށް ޝިފާއު ވިދާޅުވިއެވެ. ނަމަވެސް ވިފާގަށް ޖިންސީ ގޯނާ ކުރި ކަމަށް ކުރި ތުހުމަތާ ގުޅިގެން ސުވާލު ކުރިކަމަކަށް ޝިފާއު ވިދާޅެއް ނުވިއެވެ.