މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު، އެމްޑީޕީން އެންމެ ބޮޑަށް ފާޑުކިޔަމުން ދިޔަ އެއް ކަމަކީ ޕީޕީއެމާއި ޕީއެންސީގެ އެތައް ބަޔަކަށް ސިޓީ ކައުންސިލުން އެކި ނަންނަމުގައި ވަޒީފާތަކާއި މަގާމުތައް ދެމުންދިޔަ ކަމަށް ބުނެ އެވެ.

ނަމަވެސް އިއްޔެ އެމްޑީޕީން ބޭއްވި "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި މާލޭ ސިޓީގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ދެއްކެވި ވާހަކަތަކުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެކެވެ. އެމްޑީޕީގެ އެތައް ބަޔަކަށް ސިޓީ ކައުންސިލްގެ ކޮންސަލްޓެންޓްގެ ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް އާޒިމް ވިދާޅުވީ ސަރުކާރުގެ އެއްބާރުލުން އޭނާއަށް ލިބެމުންދާ ކަމަށް ވިދާޅުވެ, ވާހަކަ ދެއްކެވުމުގެ ތެރެއިންނެވެ. އާޒިމް ވިދާޅުވި ގޮތުގައި އެ މީހުންނަށް ވަޒީފާ ހަމަޖައްސައިދިނީ އޭނާގެ އެދިވަޑައިގަތުމަކަށެވެ.

އާޒިމްގެ އެ ވާހަކަތަކާ އެކު, ސޯޝަލް މީޑިއާގައި ގިނަ ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވީ ކުރިން އެމްޑީޕީން ވާހަކަ ދެއްކި ގޮތާ ހިލާފަށް ކަންކަން ކުރަމުންދާ ކަމަށް އެމްޑީޕީގެ މޭޔަރަކު އިއުތިރާފްވުމުންނެވެ. އަދި މޭޔަރަކަށް ރައީސް މުއިއްޒު ހުންނެވި ދުވަސްވަރު އެމްޑީޕީން ދެއްކި ވާހަކަތަކާ ދިމާ އިދިކޮޅަށް އެ ޕާޓީގެ މޭޔަރަކު ކަންކަން ކުރައްވާތީ އެވެ.

ސަރުކާރުން އެތައް ބަޔަކަށް ސިޔާސީ މަގާމުތައް ދީގެން ދައުލަތުގެ ފައިސާ އިސްރާފުކުރާ ވާހަކަ އެއްކޮޅުން ދައްކާއިރު, އާޒިމްގެ އެދިވަޑައިގަތުމަކަށް ސިޓީ ކައުންސިލުން ބޮޑު މުސާރަ ލިބޭ ގޮތަށް އެތައް ބަޔަކަށް ސިޔާސީ ވަޒީފާ ދިނުން މައްސަލައަކަށް ނުވަނީތޯ ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައިވެ އެވެ.

"އެމްޑީޕީގެ މީހުންނަށް ވަޒީފާތައް ހޯދައިދިން ކަމަށް އެމްޑީޕީގެ މޭޔަރު އަމިއްލައަށް އެއްބަސްވުމުން މި އެނގެނީ އެމްޑީޕީގެ އިހްލާސްތެރިކަމެއް ނެތްކަން." މީހަކު ސޯޝަލް މީޑިއާގައި ފާޅުކުރި ހިޔާލެއްގައިވެ އެވެ.

ލާމަރުކަޒީ ނިޒާމުގެ މުހިންމު ކަމުގެ ވާހަކަ އެމްޑީޕީން އިސްވެ އަބަދުވެސް ދައްކަމުން ދާއިރު, އެ ނިޒާމުގެ އަގު ވެއްޓޭ ގޮތަށް އެމްޑީޕީގެ މޭޔަރަކު އަމަލު ކުރުމަކީ ވެސް ބައެއް މީހުން ފާހަގަކުރި ކަމެކެވެ.

އާޒިމްގެ އެދިވަޑައިގަތުމަކަށް އެމްޑީޕީގެ ބަޔަކަށް ސިޓީ ކައުންސިލުން މަގާމުތަކެއް ހަމަޖައްސައި ދިން ކަމަށް އޭނާ އެއްބަސްވެ ވަޑައިގަތުމަކީ އާދައިގެ ކުޑަ ކަމެއް ނޫނެވެ. އެއީ މިހާތަނަށް އެމްޑީޕީގެ ވަކާލާތު ކުރަމުން އައި އެތައް ކަމަކާ ދެކޮޅަށް އެމްޑީޕީގެ މޭޔަރަކު ކަން ކުރެއްވުމެވެ.