ރާއްޖޭގެ ދެކުނުގައި އެންމެ ބާރު ބޮޑު އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ ކޫއްޑޫ އެއާޕޯޓަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ކުރަމުން ދިޔަ ދަތުރުތައް ކުރުން ހުއްޓާލަން ޖެހުނު ސަބަބުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ހާމަ ކޮށްދެއްވައިފިއެވެ.

މިނިސްޓަރު އަމީން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ ދިގު މުއްދަތެއްގައި އެއާޕޯޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ހާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ވީގެއްލުމާ ގުޅިގެން ކަމަށެވެ.

"މިނިސްޓްރީގެ އިސް ނެގުމާއެކު ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި، އެއާޕޯޓް އޮޕަރޭޓާ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި ދަންނަވަން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއާޕޯޓް އާންމު ހާލަތަށް ގެނެވޭނެ،" ޓްރާންސްޕޯޓު މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ރަންވޭ މަރާމާތު ނުކުރުމުން، ފްލައިޓުތަކަށް ގެއްލުންވަމުންދާތީ ގައުމީ އެއާލައިން، މޯލްޑިވިއަން ކޫއްޑޫއަށް އުދުހުން ހުއްޓާލަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަރާމާތު ނުކުރާތާ، ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށްވެއެވެ.

ކޫއްޑޫއަކީ ދެކުނުގައި އެންމެ ބާރުބޮޑު އެއާޕޯޓެވެ. ހުވަދު އަތޮޅުގައި އޮޕަރޭޓް ކުރާ ހަ ރިސޯޓަށް އެންމެ ގިނައިން ޓޫރިސްޓުން ދަނީ ކޫއްޑޫއިންނެވެ. ދުވާލެއްގެ މައްޗަށް ފަސް ފްލައިޓް މާލެ އާއި ކޫއްޑުއާ ދެމެދު ދަތުރުކުރެއެވެ.

ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ކޫއްޑޫއަށް ޕްރައިވެޓް ޖެޓް ވެސް ޖައްސައެވެ.

ކޫއްޑޫ އެއާޕޯޓް ހިންގަމުންދަނީ ޕްރިސްޓައިން އައިލެންޑްސް އިންވެސްޓްމަންޓުންނެވެ. އެއާޕޯޓް ހިންގާ ގޮތަށް، އެ ކުންފުންޏަށް ދެ ރިސޯޓު ދީފައިވެއެވެ. އެއީ ފަސް ތަރީގެ ޕުލްމޫން މާމުޓާ ރިސޯޓާއި ހަތަރު ތަރީގެ މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓެވެ.

އެ ދެ ރިސޯޓު އޮޕަރޭޝަންތަކަށް ބުރުލެއް ނާރައި ހިންގަމުންދެއެވެ. ނަމަވެސް ކޫއްޑޫ އެއާޕޯޓުގެ ފެންވަރު ދަށްކަމުގެ ޝަކުވާ އަތޮޅުގައި ވަނީ ބޮޑުވެފައެވެ. އެގޮތުން ފްލައިޓުން މުދާ ބޭލުމަށް ގާޑިޔާ ބޭނުންކުރަން ޖެހުމާއި ފަސިންޖަރުން ފުރާ ބަނދަރުގެ ޖެޓީގެ ދަތިކަމާއި ޓްރޯލީތަކުގައި ދަބަރު ޖަހައި، ހަލާކުވެފައި ހުރުމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ.

ކޫއްޑޫ އެއާޕޯޓް ހުޅުވީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.