އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މިހާރު މަސައްކަތް ފަށަން ވީ 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި "އާ އަލިވިލުމަކަށް" ދިއުމަށް ކަމުގައި އެ ޕާޓީގެ ރައީސް، އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން މިއަދު ފެށި "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެންނާނެ ކައުންސިލަރުން 2026ގައި އިންތިހާބު ކުރަންޖެހޭ ކަމަށާއި މުޅި ރާއްޖެއިން އެފަދަ ކައުންސިލަރުން އިންތިހާބު ކުރެވޭނެ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

"2026ގައި އެމްޑީޕީ މުޅި ރާއްޖެ އަލުން އަނބުރާ އަޅުގަނޑުމެންގެ މި ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެންނާނެ ކައުންސިލަރުންތަކެއް މުޅި ރާއްޖޭގައި ގެންނަން ވީ. 2026 އެއީ އަޅުގަނޑުމެންގެ އާ އަލިވިލުން ކަމަށް އަޅުގަނޑުމެން ހަދަން ވީ. މިއީ ރަން ރީނދޫ ލަޝްކަރު، މި ލަޝްކަރަށް ކުރެވޭނެ. މިއީ ރާއްޖޭގެ ރައްޔިތުންގެ ވިންދާއި ގުޅިފައިވާ ޕާޓީ. މި ޕާޓީއަށް މި ރާއްޖެ ބަދަލުކޮށްލެވޭނެ،" ޝާހިދު ވިދާޅުވިއެވެ.

މި ސަރުކާރުން ކަތީބު ނިޒާމަށް މިސްރާބު ޖަހާފައިވާ ކަމަށާއި އެ ފުރުސަތު ދީގެން ނުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަދަދު މަދުކޮށްލީމަ [ކައުންސިލަރުންގެ އަދަދު މަދުކޮށްލީމަ] މި ވާ ގޮތަކީ ދެން ތިބޭނީ ދެ ތިން މީހަކު. ދެން ހުންނަވާނީ އަތޮޅުތަކާ ބެހޭ ވަޒީރު. ދެން ހޮވޭ ކައުންސިލަރުން ވެގެންދާނީ ކަތީބުންނަށް. ބޮޑު ކަތީބާއި ކުޑަ ކަތީބާއި އެޓޯލްސް މިނިސްޓަރު. އެ ދިމާލަށް މިސްރާބު ޖަހާފައި މި ހުރީ،" ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ކައުންސިލަރުންގެ އަގު ވައްޓާލަން ސަރުކާރުން މަސައްކަތް ކުރާ ކަމށް ވިދާޅުވި-- އެމްޑީޕީ ފޮޓޯ

ތަޖުރިބާ ހޯދުމަށް ރާއްޖެއިން ބޭރަށް ބައެއް ކައުންސިލްތަކުން ކުރި ދަތުރުތަކާ ގުޅިގެން، ކައުންސިލްތައް ބަދުނާމު ކުރުމަށް ސަރުކާރުން ހެޑްލައިންތަކެއް ހެދި ކަމަށް ވިދާޅުވެ، ޝާހިދު ވިދާޅުވީ ކުދި ކިޔައިގެން ކައުންސިލްތަކަށް ކަމެއް ނުވާކަން ސަރުކާރުން ދައްކަމުންދާ ކަމަށެވެ.

މި ސަރުކާރަކީ އަނިޔާވެރިކަމާއި މަކަރާއި ދޮގު ހަދާ ސަރުކާރެއްކަން ފާހަގަކޮށް، ޝާހިދު ވިދާޅުވީ ސަރުކާރުގެ ފަލްސަފާއަކީ ކައުންސިލަރުންގެ އަގު ވައްޓާލުން ކަމަށެވެ.

މަސައްކަތެއް ނުކުރާ ބަޔަކަށް ކައުންސިލްތައް ހަދައި، ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ ބޮޑެތި އަދަދުތައް ނުދިނުމަށް ސަރުކާރުން ވަކާލާތުކޮށް، ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ވާހަކަ ދައްކަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"މި ސަރުކާރުގެ ފަލްސަވާއަކަށް ވާނީ ތިޔަބޭފުޅުން [ކައުންސިލަރުން]ގެ އަގު ވައްޓާލުން. ތިޔަ ބޭފުޅުންނަކީ ނެތް ބައެއްކަމުގައި، ތިބޭފުޅުންނަކީ މަސައްކަތެއް ނުކުރެވޭ ބައެއް ކަމުގައި، ތިބޭފުޅުންނަކީ ރައްޔިތުން އިތުބާރު ނެތް ބައެއް ދައްކަމުން ގެންދިއުން،" ޝާހިދު ވިދާޅުވިއެވެ.