މި ސަރުކާރު ވެރިކަމަށް އައީ ދޮގުވެރި، މަކަރުވެރި ހީލަތްތެރި ރޭވުންތަކުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ޖަޒުބާތީ ވާހަކަތަކެއް މިއަދު ބަންޑުން ކޮށްލައްވައިފިއެވެ.

ކުޅުދުއްފުށި ސިޓީގައި މިއަދު ފެށި "ލާމަރުކަޒީ ގުޅުން ކޮންފަރެންސް"ގައި ވާހަކަދައްކަވަމުން ރައީސް އިބޫ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ދީން ރާއްޖެއިން ނެތިކޮށްލަން އުޅުނުކަމުގެ ތުހުމަތު އެމްޑީޕީގެ ސަރުކާރަށް އަމާޒު ކުރި ކަމަށާއި ނަމަވެސް އެ ފެތުރި ދޮގު ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަވަމުންދާ ކަމަށެވެ.

އެ ދޮގު ވާހަކަތަކާ ގުޅިގެން، ސަރުކާރުގައި ތިބި ބައެއް މީހުންނަކީ "އަނގަ ހައްދު" ޖަހަން ޖެހޭ ބައެއް ކަމަށް މި ސަރުކާރު ގެނައުމަށް ވޯޓު ދިން މީހުން މިއަދު ބުނަމުންދާ ކަމަށް އިބޫ ވިދާޅުވިއެވެ.

"ނުފޯރާ ފޮތިން ފޫގެޅީމަ ވާ ގޮތް މި ފެންނަނީ. އުޑަށް ކުޅުޖެހީމަ ވާ ގޮތް މި ފެންނަނީ. މިއީ އެބޭފުޅުންނަށް ވޯޓުދިން މީހުން މިއަދު ދައްކާ ވާހަކަ،" ރައީސް އިބޫ ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓުގައި ހަތިޔާރާ އެކު އިންޑިއާ ސިފައިން ތިބި ކަމަށާއި އުތުރު ތިލަފަޅުގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ހަދަން އުޅޭ ކަމަށާއި އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމުކުރަން އުޅެނީ އިންޑިއާ އިން ޖާސޫސު ކުރުމަށް ކަމަށް ބުނެ، އޭރުގެ އިދިކޮޅު ފަރާތްތަކުން ވާހަކަތައް ފެތުރި ކަމަށް އިބޫ މިއަދު ވިދާޅުވިއެވެ. އަދި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ފެށުމުން، އެކަމަކީ އިންޑިއާ މީހުން އެތަނުގައި ވަޒަންވެރި ކުރުވުމަށް ކުރާ ކަމެއް ކަމަށް ބުނި ކަމަށާއި ނަމަވެސް އެ ވާހަކަތަކީ ދޮގު ވާހަކަތަކެއްކަން ހާމަވަމުންދާ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް އެއްބަސްވި ކަމަށް ބުނާ އެގްރިމެންޓުތައް ހާމަކުރަން ނުކުރުނު ކަމަށާއި މި ސަރުކާރު ވެސް ކުރިއަށްދަނީ އެ އެގްރިމެންޓުތަކާ އެކުގައި ކަމަށެވެ.

"އިންޑިއާގެ އަސްކަރީ މަރުކަޒެއް އެތާ [އުތުރު ތިލަފަޅުގައި] ހަދާ ވާހަކަ. ރޯހިތު ހޯދަންވެގެން އެތަނަށް އެރި މީހުން ތިބީ ގޮތް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އައިސިސް ހަނގުރާމަވެރިންނަށް ވުރެ ގަދަފަދަކޮށް. މިއަދު އެ ގްރިމެންޓް ގޮތް ގޮތަށް، އަކުރަކަށް ފިއްޔަކަށް ބަދަލެއް ނުގެނެސް އެ ގެންދަނީ ކުރިއަށް. ކޮބައިތޯ އެ އޮޅުވާލުން،" ރައީސް އިބޫ ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު— އެމްޑީޕީ ފޮޓޯ

މި ސަރުކާރުން ދަނީ ކޮން މިސްރާބަކަށްތޯ ސުވާލު ކުރައްވައި، އިބޫ ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އަންނަންވެގެން، ވެފައިވާ ވައުދުތަކަކީ ހިސާބު، ހިތާބު ބެލުމެއް ނެތި ވެފައިވާ ވައުދުތަކެއް ކަމަށެވެ.

"އެ ބޭފުޅުން ވެރިކަމަށް އަންނަން ވީ ވައުދުތަކަކީ އެއްވެސް ހިސާބު، ކިތާބެއް ބެލުމެއް ނެތި ހަގީގަތުގެ މައްޗަށް ނުބަލާ ވީ ވައުދުތަކެއްކަން މިއަދު އެ ދަނީ ހާމަވަމުން. މިއީ މިފަދަ ބައްދަލުވުމެއްގައި ތިބެ އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައްތަކެއް،" އެމްޑީޕީގެ ކައުންސިލަރުން ބައިވެރިވެރިވި ކޮންފަރެންސްގައި އިބޫ ވިދާޅުވިއެވެ.

އިންޑިއާއަށް އަމާޒުކޮށް، އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި "އިންޑިއާ އައުޓް" ހަރަކާތަށް އިޝާރާތް ކުރައްވައި، އިބޫ ވިދާޅުވީ އަވަށްޓެރި ގައުމުތަކާ ދޭތެރޭ އުފެއްދި ފިތުނަތަކާ ގުޅިގެން އަންދާޒާ ނުކުރެވޭ ގެއްލުން ރާއްޖެއަށް ވެފައިވާ ކަމަށެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަމުންދިޔަ އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު 40 ޕަސެންޓަށް ދަށްވެއްޖެ ކަމަށް ވިދާޅުވެ، އިބޫ ވިދާޅުވީ އެކަމުގެ ޒިންމާ ނަގާނެ ބަޔަކު މިއަދު ނެތް ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުން ރަށްރަށުގައި ފެށި މަސައްކަތް ހުއްޓިފައިވާ ކަމަށް ވިދާޅުވެ، އިބޫ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ވެސް މި ސަރުކާރުން އަނިޔާ ދެމުންދާ ކަަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު— އެމްޑީޕީ ފޮޓޯ

މާލެ ރައްޔިތުންނަށް ކަމެއް ކޮށްދޭނަމަ، ގޯތިތައް ދޫކުރަންޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ.

"ހެޔޮހިތުން މާލޭގެ ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންކަމަށް ވަންޏާ، ކޮށްދެއްވަންވީ ކަމަކީ އެއީ. އެކަމަކު މިއަދުގެ ސަރުކާރަކީ ރައްޔިތުންނަށް ހެވެއް އެދިގެން ރައްޔިތުންނަށް ކަމެއް ކޮށްދޭން އައިސް އޮތް ސަރުކާރެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އިބޫ ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ފުޑާލުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަން ފާގަކޮށް، އިބޫ ވިދާޅުވީ އެޓޯލް މިނިސްޓްރީ އުފައްދައި، ބާރުތައް ޖަމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

ކުޅުދުއްފުށީގައި މިއަދު ފެށި ލާމަރުކަޒީ ގުޅުން ކޮންފަރެންސަކީ އެމްޑީޕީގެ ކައުންސިލަރުންނަށް އަމާޒުކޮށްގެން، އެމްޑީޕީން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި މަޝްވަރާ ކުރަމުންދަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުންނެވެ.