ހުޅުމާލޭގައި ނުރައްކާތެރިކޮށް ދުއްވި ކާރަކުން ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ގިނަ ދައުވާތަކެއް ކޮށްފިއެވެ.

މިދިޔަ ޖުލައި މަހު ހުޅުމާލޭގެ ދެވަނަ ފޭސްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު އެ މައްސަލާގައި ހައްޔަރުކުރީ ކާރު ދުއްވަން އިން މ. ލޭންޑް އޮފް ގާޑެން އިބްރާހިމް އިކްރާމާއި ކާރުގައި އެވަގުތު ތިބި ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހްމާނާއި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހު އިސްމާއިލެވެ.

އެ މީހުންގެ މައްޗަށް މައްޗަށް ކުރަނީ އެއީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ފަރުވާލެއް ނެތި ކުރި ކަމަކުން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން އެކްސިޑެންޓްވުމުން ރިޕޯޓް ނުކުރުމުގެ ދައުވާ އަދި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ދައުވާ އެވެ.

އެ ތިން މީހުން ވެސް ހައްޔަރުކުރީ އެކްސިޑެންޓް ހިނގުމުން އެ ސަރަހައްދުން ފިލައިގެން ގޮސްފައި ވަނިކޮށެވެ. އޭގެ ތެރެއިން އިކްރާމް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުއްޓާ ހައި ކޯޓުން އޭނާ ކުރިން ދޫކޮށްލި އެވެ. ނަމަވެސް ފަހުން އަލުން އޭނާ ހައްޔަރުކޮށް، ބަންދުކުރި އެވެ.