އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝާންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ހުޅުމާލެ، އަމިން އެވެނިއު އިން ގަނެފައިވާ ދެ އެޕާޓްމަންޓު މިރޭ ފުލުހުންނާ ހަވާލުކޮށްފިއެވެ.

އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން 3.8 މިލިއަން ރުފިޔާއަށް އަމިން އެވެނިއުއިން ބައްސާމްގެ ނަމުގައި ގަނެފައިވާ "A1205" އާއި "A1206" އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރީ އެތަން މިރޭ 12 ކުރިން ހަވާލުކުރުމަށް އަންގާފައިވަނިކޮށެވެ.

އެތަން ފުލުހުންނާ ހަވާލު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެފްއޭއެމަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވެ، ބޭރުގެ ފަރާތްތަކުން ޑޮލަރުގެ ގޮތުގައި ލިބޭ ފައިސާ އެފްއޭއެމުން ނަހަމަ ގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރކޮށްފައިވާތީ ބައްސާމާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް، 35، އާއި އެ އެސޯސިއޭޝަންގައި އޭރު މަސައްކަތް ކުރި މ. ހިތިނައިދޫ، ހަސަން ވަހީދު 49،ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ވަނީ ހުށަހަޅާފައެވެ.

އެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ހިޔާނާތާއި އޮޅުވާލުމުގެ އިތުރުން މަނީ ލޯންޑަރިންގެ ތުހުމަތެވެ.

ކޮވިޑް19ގެ ދުަސްވަރު، ފުޓްބޯޅަ ކްލަބްތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގެ ބޭނުމުގައި 2021 ވަނަ އަހަރު ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން 1.9 މިލިއަން ޑޮލަރު (29.2 މިލިއަން ރުފިޔާ)ގެ ލޯނެއް އެފްއޭއެމުން ނަގައި، އެ ލޯނުގެ ތެރެއިން އެއް މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރުމަށްޓަކާ އަމިން އެވެނިއުއަށް ޖަމާކޮށް، އަމިން ކޮންޓްރަކްޝަނާ ގުޅިގެން މަނީ ލޯންޑާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލާގައި އަމިން ކޮންސްޓްރަކްޝަނަށް ވެސް ދައުވާ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.