މި ސަރަހައްދުގެ އެންމެ ބޮޑު ބާރު ކަމަށްވާ އިންޑިއާ އަދި ރާއްޖެއާ ދެމެދު އޮތް ގުޅުން ރަނގަޅުވަމުން އަންނަތަން ފެނުމުން އުފާވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖެއަކީ އެއްގޮތް ކަންތައްތަކެއް ހުންނަ ދެ ގައުމު ކަމަށެވެ. އެގޮތުން ސަގާފަތާއި ދެގައުމުގެ އާދަކާދަތަކުގެ އެއްގޮތްކަން ނަޝީދު ފާހަގަކުރެއްވިއެވެ.
"އަބަދުވެސް އެކުވެރި ކަންމަތީގައި ދެމިތިބެންވާނެ. ކަންކަން ހަމައަކަށް އެޅެމުން ގޮސް ގުޅުން އިޔާދަވާ ދާތަން ފެނުމުން ވަރަށް އުފާވޭ. އިންޑިއާގެ ބޮޑުވަޒީރު މޯދީއަށާއި ރައީސް ޑރ. މުއިއްޒަށް މަރުހަބާ،" ރައީސް މުއިއްޒު މިހާރު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް ނަޝީދު ކުރެއްވި ޕޯސްޓުގައި ރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިިކަމުގައި އިންޑިއާއެކު ރާއްޖެ އިން މާގާތް ގުޅުމެއް ބާއްވާތީ އެކަމަށް އެންމެ ބޮޑަށް ފާޑު ކިޔާފައި ވަނީ މިއަދު ވެރިކަމުގައި ތިބި ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ ބޭފުޅުންނެވެ. އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޑު އޮޕަރޭޓު ކުރުމަށް ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާގެ ފަރާތްތަކުން ތިބުމުން އެކަމާއި ދެކޮޅަށް ތެދުވެ އޭރު އިދިކޮޅުގައި އޮވެ ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން އެތައް މުޒާހަރާތަކެއް ވެސް ކުރިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކައަކީ ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންގެ މީހަކަށް ނުހުރެވޭނެ ކަމުގެ ވާހަކައެވެ. އަދި އެމަނިކުފާނަށް ވެރިކަން ލިބިއްޖެ ނަމަ އިންޑިއާގެ އަސްކަރިއްޔާގެ މީހުން ރާއްޖޭން ފޮނުވާލާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ވެރިކަމަށް ވަޑައިގެން ވެރިިކަމުގެ ހުވާ ކުރެއްވި ފުރަތަމަ ދުވަހު އެމަނިކުފާނު އެ މަޝްވަރާތައް ފެއްޓެވިއެވެ. އަދި ދެގައުމުން މަޝްވަރާތައް ކުރުމަށްފަހު ހެލިކޮޕްޓަރާއި ޑޯނިޔާ އޮޕަރޭޓު ކުރުމަށް ތިބި އަސްކަރިއްޔާގެ މީހުން ފޮނުވާލާ ސިވިލިއަނުން ގެނެއެވެ. ނަމަވެސް އެކަމުގެ މަޝްވަރާތައް އެއްކޮށް ނުނިމެނީސް ސަރުކާރުގެ ދެ ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ބަދު ބަސް ބުނި މައްސަލާގައި ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ.
ނަމަވެސް ދެގައުމުގެ އިސް ބޭފުޅުން އެކަންކަން ހައްލު ކުރުމަށް މަޝްވަރާތައް ކުރިއެވެ. އަދި ދެގައުމުގެ ގުޅުންތައް މިހާރު އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. އެގޮތުން ރާއްޖޭގެ ބަޖެޓު ސަޕޯޓަށް އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަށް ދިން 50 މިލިއަން ޑޮލަރު ދެއްކުން އިތުރު އެއް އަހަރަށް އެގައުމުން އިތުރު އެއް އަހަރަށް ފަސްކޮށްދީފައި ވަނިކޮށް އަނެއްކާވެސް އިތުރު 50 މިލިއަން ޑޮލަރު އެއް އަހަރު ދުވަހަށް އެގައުމުން ވަނީ ފަސްކޮށްދީފައެވެ.