ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފަސް ގަނޑަކަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު މ. އަސަރީހަދާން، ތަސްލީމް މުހައްމަދު ވީނުވީއެއް ނޭނގި ގެއްލިފައިވާތީ އޭނާ ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފިއެވެ.
އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެނީ ރަހީނުކޮށްފައިވާ މީހުން ހޯދުމަށާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުން ހޯދުމަށެވެ. އިންޓަލޯލް ޔެލޯ ނޯޓިސްއަށް އެދުނުކަން ފުލުހުން ހާމަކުރީ ތަސްލީމް ގެއްލިގެން ހޯދަމުންދާތާ 15 ދުވަސް ފަހުންނެވެ.
ފުލުހުން މިއަދު ބުނީ ތަސްލީމް ހޯދުމަށް އިންޓަޕޯލް އިން މިދިޔަ މަހުގެ 12ވަނަ ދުވަހު ޔެލޯ ނޯޓިސް ނެރެފައިވާ ކަމަށެވެ. އިންޓަޕޯލް ނޯޓިސް އަކީ އިންޓަޕޯލްގެ މެންބަރު ހުރިހާ ގައުމަކަށް ވެސް ފެންނާނެހެން ނެރޭ ނޯޓިސްއެއް ކަމަށާއި މިގޮތަށް ނެރޭ ހުރިހާ ނޯޓިސް އަކީ އާއްމުންނަށް ފެންނާނެހެން އިންޓަޕޯލްގެ ވެބްސައިޓުގައި ފެންނަން ހުންނާނެ ނޯޓިސްތަކެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.
ތަސްލީމް ގެއްލުނު މައްސަލާގައި ފުލުހުން މީގެކުރިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ތަސްލީމް މާލެއިން ފުރައިގެން ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފަސްގަނޑަށް ދިޔައީ މިދިޔަ އޮގަސްޓްމަހުގެ 29 ވީ، ބުރާސްފަތި ދުވަހުގެ ހަވީރު ކަމަށެވެ. އެ ދަތުރުގައި 25 މީހުންނާއި ދެ ކުޑަކުދިން ބައިވެރިވި ކަމަށާއި އެ ދަތުރަކީ މީހެއްގެ އުފަންދުވަސް ފާހަގަ ކުރުމަށާއި އެންގޭޖުމަންޓް ޕާޓީއެއް ބޭއްވުމުގެ ބޭނުމުގައި ގޮސްފައިވާ ދަތުރެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދަތުރުގައި ތަސްލީމް ބައިވެރިވެފައި ވަނި ދަތުރު ރޭވި މީހުންގެ ރައްޓެހި ރަހުމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓުގެ މަސައްކަތް ކުރުމަށް ކަމަށެވެ.
"ފަސްގަނޑަށް ތަސްލީމް މުހައްމަދު ހިމެނޭ ގްރޫޕް ދަތުރު ދިޔައިރު، އިތުރު ބަޔަކު ފަސްގަނޑަށް ދަތުރުގޮސްތިބިކަމާއި އޮގަސްޓް 29، 2024 ދުވަހުގެ 00:00އާ ހަމައަށް ތަސްލީމް މުހައްމަދު ދަތުރުގެ ބައިވެރިންނާ އެކު، ހަރަކާތްތެރިވެފައިވާކަމުގެ މައުލޫމާތު ލިބިފައިވެއެވެ. އަދި 00:00ގެ ފަހުން ތަސްލީމް މުހައްމަދު ދަތުރު ދިޔަ މީހުން ޓެންޓް ޖަހާފައި ހުރި ސަރަހައްދުގައި ނިދާފައި އޮތް ކަމަށް މަންޒަރު ދުއް ފަރާތްތަކުންނާއި ދަތުރުގައި ނަގާފައިވާ ބައެއް ފޮޓޯތަކުން ފެނިފައިވެއެވެ،" ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.
ފުލުހުން ބުނީ އޮގަސްޓް 30، 2024 ވީ ހުކުރު ދުވަހުގެ ހެނދުނު ވަގުތުގައި ވެސް ތަސްލީމް ދަތުރުގެ ބައިވެރިނާ އެކު ހަރަކާތްތެރިވާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ތަހުގީގަށް ލިބިފައިވާ ކަމަށެވެ.
އެ ފަސް ގަނޑުގައި ހުއްޓާ ތަސްލީމް އެންމެ ފަހުން ފެނިފައި ވަނީ އޮގަސްޓް 30، 2024 ވީ ހުކުރު ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދޭތެރޭގައިކަން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގެއެވެ.
"އަދި ތަސްލީމް މުހައްމަދު މާލެ ދާން ބޭނުންވާ ވާހަކަ ބުނެފައިވުމުން އެ ދުވަހުގެ 10:00 އާއި 11:00އާ ދޭތެރޭ މާލެ ފުރި ލޯންޗުގައި ތަސްލީމް މުހައްމަދު މާލެ ފޮނުވާލުމަށް ދަތުރުގެ ބައިވެރިން އޭނާ ހޯދުމުން ފެނިފައިނުވާތީ، އޭނާ އެހެން ލޯންޗެއްގައި މާލެ ގޮސްފައިވޭތޯ ބެލުމަށް ދަތުރުގެ ބައިވެރިން ތަސްލީމްގެ އާއިލާއަށް ގުލައި މައުލޫމާތު ސާފުކޮށްފައިވެއެވެ. އަދި ތަސްމީލް މާލެ ނާންނަކަމަށް އާއިލާއިން މައުލުމާތު ދިނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށިކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ،" ފުލުހުންގެ ބަޔާނުގައިވެއެވެ.
ތަސްލީމް ގެއްލުނު މައްސަލާގައި އެ ފަސްގަނޑަށް ދަތުރުދިޔަ މީހުންނާއި ސުވާލުކޮށްފައިވާ ކަމަށާއި އެ ފަސްގަނޑަށް ދަތުރު ދިޔަ އިތުރު ގްރޫޕެއްގައި ހިމެނޭ 12 މީހުންނާ ވެސް ތަހުގީގުގައި ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ތަސްލީމް ބޭނުންކުރި ފޯނާއި ލެޕްޓޮޕް ފޮރެންސިކް ތަހުލީލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަދި އެ ފަސްގަނޑަށް ދަތުރު ދިއުމަށް ބޭނުންކުރި ދެ ލޯންޗު ބަލައިފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާ ގޮވައިގެން ދިޔަ މީހުނަށް ވީ ގޮތަ ނޭންގޭ އިރު، ނޯޓިސް ނެރެގެން އެނގޭނެ އެއްޗެއް އޮންނާނެތަ؟
އިއްބެ