ޗާގޯސްގެ ރައްތަކުގެ ސިޔާދަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އަލުން ހޯއްދާނެ ކަމަށް ރިޔާސީ ވަޢުދެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވާފައި ނުވާތީ، ޑިމޮކްރެޓްސްއިން ކަންބޮޑުވުންފާޅުކޮށްފިއެވެ.
ޑިމޮކްރެޓްސްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޗާގޯސްގެ ރަށްތަކުގެ ސިޔާދަތާ ގުޅޭ ގޮތުން ދިވެހިރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުންދިއަ ސިޔާސަތު ނިމިދިއަ ސަރުކާރުން ބަދަލުކުރެއްވި ކުރެއްވުމުން ދިވެހިރާއްޖެއަށާއި ދިވެހީންނަށް ލިބުނުގެއްލުމާ މެދު ރައީސް ޑރ. މުޙައްމްދު މުޢިއްޒުގެ ސަރުކާރުން ވެސް މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.
ޗާގޯސްގެ ރަށްތަކުގެ ސިޔާދަތާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުމުގައި، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ޤަބޫލުކުރައްވައި، ދިވެހިރާއްޖޭގެ ފަރާތުން ދައުވާކުރުމުގެ ހައްގު ނިމިދިޔަ ސަރުކާރުން "ސިއްރު ސިޓީއަކުން" ދޫކޮށްލައްވައި އަދި އދ. ގައި އެގޮތަށް ވޯޓްދެއްވާފައިވާ ކަމަށް ޑިމޮކްރެޓްސްގެ ބަޔާނުގައިވެއެވެ.
ނަމަވެސް އެ ބުނާ ސިޓީ ރައީސް އޮފީސް މިދިޔަ ސަރުކާރުގައި ލީކުކޮށްލާފަވެއެވެ. އެ ސިޓީގައި ސިއްރު އެއްބަސްވުންތަކެއް ނެތެވެ. އަދި ކަނޑުން ބައެއް ދޫކޮށްލާ ވާހަކައެއް ނެތެވެ.
އާއްމުކުރި ސިޓީގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އދ. ގައި ދެން އެންމެ އަވަހަށް ނަގާ ވޯޓެއްގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށެވެ. މީގެ ކުރިން މޮރިޝަސްއަށް ތާއީދު ނުކުރީ، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފު ކަނޑައަޅަން އެކަމާ ގުޅޭ ބައިނަލްއަގުވާމީ ކޮމިޝަނަށް ރާއްޖޭން ހުށަހަޅާފައިވާ މައްސަލައާ މޮރިޝަސްގެ ސަރުކާރުން ދެކޮޅު ހަދާފައިވާތީ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން، ރަސްމީކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު 19ގައި އެ ސިޓީ އާންމުކޮށްފައިވެއެވެ. ލީކުކޮށްލި ސިޓީ އާއި އާންމުކުރި ސިޓީގައި ހުރީ ހަމަ އެއް ވާހަކަތަކެކެވެ.
ޑިމޮކްރެޓްސްއިން ބުނީ ރާއްޖޭގެ ނިމިދިޔަ ސަރުކާރުން އެކަމުގައި އަމަލު ކުރެއްވި ގޮތް އަލުން މުރާޖާކުރައްވާނޭކަމަށާއި، ޗާގޯސްގެ ރައްތަކުގެ ސިޔާދަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އަލުން ހޯއްދަވާނޭކަމަށް ވަޢުދެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވިދާޅުވަމުން ގެންގޮސްފައިވެއެވެ.
"ނަމަވެސް މި ސަރުކާރުން ވެސް އެކަމާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވަނީސް، އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމަށް ނިންމިކަން މިހާރު އެވަނީ އިއުލާނުކޮށްފައެވެ. މިއީ ދައުވާކުރުމުގެ ހައްގު ދިވެހިރާއްޖެއިން ދޫކޮށްލެއްވުމުގެ ސަބަބުން ނުވަތަ އެ ޙައްޤު އަލުން ހޯދައިދިނުމަށް މަސައްކަތްނުކުރެއްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތައް ލިބިގެންދާ ގެއްލުމެއްކަމަށް މި ޕާޓީން ދެކެމެވެ،" ޑިމޮކްރެޓްސްގެ ބަޔާނުގައިވެއެވެ.